ޚަބަރު

ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި


  • ފަހުމީ ވިދާޅުވީ ކުންފުނީގައި އެކި ދާއިރާތަކުގެ ތައުލީމީ ޒުވާނުން ތިބިކަމަށް

ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އައު ހަރުފަތަކަށް ގެންދިއުމުގެ ބޭނުމުގައި ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފިއެވެ.

މި ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ މަގްސަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އައު ހަރުފަތަކަށް ގެންދިއުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެގޮތުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާރޓްސް އަދި މެތެމެޓިކްސް ދާއިރާ ކުރިއެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދުމާއިއެކު، އެކަންކަމަށް އަހުލުވެރިވެ، ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުމަކީ މި ފައުންޑޭޝަންގެ އަމާޒެވެ.

ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ރިސާޗް ފައުންޑޭޝަން މެދުވެރިކޮށް ގައުމުގެ ކުރިއެރުމަށް ކަންތައްތަކެއް ކޮށްދެއްވުމަކީ އަމާޒުކަމަށެވެ. އަދި އެ ކުންފުނީގައި އެކި ދާއިރާތަކުން ކިޔަވައިގެންތިބި ތައުލީމީ ޒުވާނުން ތިބުމާއި، ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށްވެފައި، އެފަދަ މަސައްކަތެއް ކުރާނެ ގާބިލްކަމާއި، ވަސީލަތެއް ސްޓެލްކޯގައި ހުރިކަން ފަހުމީ ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުންލައްވައި ގައުމަށް ހިދުމަތްކޮށްދޭން. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެ. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ގައުމަށް މިކަމުގެ ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން. އިންތިހާއަށް ފައިދާ ކުރަންވާނެ" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.

ރިސަރްޗ ފައުންޑޭޝަން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓްވެސް އިފްތިތާޙްކޮށްފައެވެ. މީގެ އިތުރުން ސްޓެލްކޯއިން މިއަދު ވަނީ އެ ކުންފުނީގެ އެންމެ ފަހުގެ މަޝްރޫއު ކަމަށްވާ، އަންމޭންޑް ސަބްމާސިބަލް ވެހިކަލް (ޔޫއެސްވީ) މަޝްރޫއު އިއުލާންކޮށްފައެވެ. މި މަޝްރޫއުއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ކަނޑުއަޑީގައި ބޭނުން ކުރެވޭ މި ޑްރޯން ފަރުމާކޮށްފައިވަނީ ޑައިވްކުރުމަށް ދަތި ސަރަހައްދުތައް ހޯދައި، މޮނިޓާކުރުމުގެ އިތުރުން ކަނޑާބެހޭ މައުލޫމާތު އެއްކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމަށްކަމަށެވެ.