ޚަބަރު

ޕެންޝަނާ ގުޅޭ ޢިލްމީ ދިރާސާތައް ކުރުމަށް އެމްއެންޔޫއާއެކު އެއްބަސްވުމެއް


  • މި އެއްބަސްވުމުގެ ދަށުން ގުޅިގެން ޢިލްމީ ދިރާސާތައް ކުރާނެ

  • މާލީ ދާއިރާއަށް ހޭލުންތެރިކުރުމަށް ގިނަ ޕްރޮގްރާމުތަކެއް ހިނގާނެ

ޢިމްލީ ދިރާސާތައް ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިނގުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އެމްއެންޔޫގެ ފަރާތުން ސޮއިކުރީ ވައިސް ޗާންސެލާ ޑރ.އައިޝަތު ޝެހެނާޒް އާދަމްއެވެ. އަދި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝުޖާތާ ހަލީމްއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ޖޮއިންޓް ރިސާރޗް ޕްރޮޖެކްޓްތައް އެކުލަވާލައި ހިންގުމާއި މައުލޫމާތާއި ޑޭޓާ ބަދަލުކުރުމާއި ހޯދުމުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. އަދި ޕެންޝަނާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމާއި، ޕެންޝަނަށް އާއްމުން އަހުލުވެރިކުރުމަށް ޕްރޮގްރާމުތައް ހިންގުން ހިމެނޭ ކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއިން ވިދާޅުވީ މި އެއްބަސްވުމާއެކު ދެފަރާތުގެ ކުރިއެރުމާއި، މުޖުތަމަޢަށް ފައިދާހުރި އައު ފުރުޞަތުތައް ހޯދުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ޕެންޝަނަކީ އެމީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަރވުމަށް ފަހުގައި ބޭނުންކުރުމަށް އެއްކުރާ ފައިސާއެވެ. އަދި އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދަޢުލަތުންދޭ ފައިސާވެސް މީގެތެރޭގައި ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން ދަނީ ތަފާތު އެކި ދާއިރާތަކުން ދިރާސާ ކުރުމަށާއި މީހުން ތަމްރީނުކުރުމަށް އެކި އިދާރާތަކާއި މުއައްސަސާތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރަމުންނެވެ. އަދި ރާއްޖެއަށް ބޭނުންވެފައިވާ މުހިއްމު ދާއިރާތަކަށް ޚާއްސަކޮށްގެން ތަފާތު ދިރާސާތައްވެސް ޤައުމީ ޔުނިވަރސިޓީންދަނީ ހަދަމުންނެވެ.

ޕެންޝަން އޮފީހަކީ ޕެންޝަން ގާނޫނުގެ ދަށުން ޤާއިމްކުރެވޭ ޕެންޝަން ސްކީމްތައް ބެލެހެއްޓުމާއި ރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ފޯރުކޮށްދިނުމާއި ޤާނޫނޫގެ ދަށުން ޤާއިމްކުރެވޭ ސްކީމްތައް ހިންގުމާއި ޤަވާއިދުތައް ހެދުމާއި ޕެންޝަނަށް ހޭލުންތެރިކުރުމަށްވެސް ޕެންޝަން އޮފީހުންދަނީ މަސައްކަތް ކުރަމުންނެވެ.