ޚަބަރު

މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ ހޮނިހިރުގެ ފަހުން: މެޓު އޮފީސް


  • މިއީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންގެ ސަބަބުންކުރާ ވިއްސާރައެއް

  • މިއަދާއި މާދަމާވެސް ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ، އަންނަ ހޮނިހިރު ދުވަހުގެ ފަހުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މިއަދާއި މާދަމާވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މިސަރަޙައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއެއްގެ ސަބަބުން ކުރަމުންދާ ވިއްސާރަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މިވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންކަމަށް އެއިދާރާއިން ވިދާޅުވެއެވެ. މެޓު އޮފީހުން ވިދާޅުވީ، ހުކުރު ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށާއި މޫސުމަށް ހުރިހާ ފަރާތަކުންވެސް ސަމާލުވާންޖެހޭކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި، އެހެން ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.

މިގޮތުން ދެކުނާއި މެދުރާއްޖޭގެ ރަށްތަކަށް ހުޅަނގާއި ހުޅަނދު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ވިދާޅުވެއެވެ. އަދި އުތުރުގެ ރަށްތަކަށް ވައިޖެހޭނެކަމަށް ބެލެވެނީ، އުތުރާއި އިރުއުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާއރުމިނުގައި ވައިޖެހޭނަކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.


އެހެންކަމުން ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ.

ޢާއްމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 5 ފޫޓާއި ދެމެދުގެ އުސްމިނެއްގައި ނަމަވެސް މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

މިވޭތުވެދިޔަ 24 ގަޑިއިރުގައި ކުރި ވިއްސާރައަށް ބަލާއިރު 107.7 މިލިމީޓަރުގެ ވާރެއާއެކު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ލ. މާވަށަށެވެ. މޫސުން ރާއްޖޭގެ ބޮޑު ބަޔަކަށް ގޯސްވެފައިވާއިރު މިދުވަސްވަރު މޫސުމަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ.

މިގޮތުން ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ގެއަށް ފެންވަނުމުގެ ފުރުސަތު އޮތްނަމަ ވެލިބަސްތާ ޖެހުމާއި، ވައިބާރުވެ ފުރާޅު އެއްލާލުން ފަދަ ކަމެއް މެދުވެރިވެދާނެކަމަށް ބެލެވޭނަމަ، ވާޖަހައިގެން ފުރާޅު ހިފެހެއްޓޭނެފަދަ ގޮތަކަށް ތައްޔާރުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.