ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ.
އަރޓިފިޝަލް ބީޗުން ފެށި މިހިނގާލުމުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި ޗެއަރޕާސަން ފައްޔާޒް އިސްމާޢީލާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެ ޕާޓީގެ އިސްވެރިންނާއި އެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެމްޑީޕީއަށް ތާޢީދުކުރާ ޢާންމު މެންބަރުން ވަނީ ބައިވެރިވެފައެވެ.
ހިނގާލުން އިންތިޒާމްކުރީ ސަރުކާރުގެ ސިޔާސަތުތަކާ ހިތްހަމަނުޖެހިގެންކަމަށް އެމްޑީޕީން ބުނެއެވެ.
މިއީ ވޭތުވެދިޔަ 15 އަހަރުތެރޭގައި ވެރިކަންކުރާ ސިޓީގައި އިދިކޮޅު ފާޓީއަކަށް ސުލްހަވެރި ހިގާލުމަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއިއެކު ލިބިގެންދިޔަ އެއް ހިގާލުމެކެވެ. މިހިނގާލުމުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް، ހިނގާލުމަށް ހުރަސް އަޅައި ޚިޔާލު ފާޅުކުރުމަށް އޮތް ފުރުސަތު ހަނިކުރަން އެއްވެސް ކަމެއް ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. މިހިނގާލުން ކުރިއަށްދިޔަ ވަގުތު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޓްރެފިކް ބެލެހެއްޓުމުގެ ގޮތުން ފުލުހުންވަނީ ހަރަކާތްތެރިވެފައެވެ.
ޤާނޫނުއަސާސީގައި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދީފައިވާއިރު އެޙައްގު އެންމެ ފުރިހަމަ މިނުގައި ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. ދާދިފަހުން ހއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤާނޫނަކުން މަނާނުވާ ކޮންމެ ކަމެއް ކުރުމުގެ ޙައްގު ރައްޔިތުންނަށް އޮންނާނެ ކަމަށާއި މި ސަރުކާރުން ޤާނޫނުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއް ކަމަށާއި ޚިދުމަތް ދިނުމުގައިވެސް ޚިޔާލުތަފާތުވުމުގެ ސަބަބުން ތަފާތެއް ނުކުރައްވާނެ ރައީސް ވިދާޅުވިއެވެ.
މީގެ ކުރީގެ ވެރިކަންތަކުގައި ސަރުކާރާއި ދެކޮޅަށް ބޭއްވުނު އެއްވުންތަކުގައި އާންމުންނާއި ފުލުހުންނާއި އެކިވަރުގެ ކުރިމަތުލުންތައް ހިނގައި، ހިޔާލު ފާޅުކުމަށް ހުރަސް އަޅައި، ބާރުގެ ބޭނުންކޮށް އެއްވުންތަކާއި މުޒާހަރާތައް ރޫޅާލާފައިތަން ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މިސަރުކާރުގެ ސިޔާސަތަކީ ޚިޔާލްފާޅުކޮށް އެއްވެ އުޅުމުގެ ޚައްޤު ފަހިކޮށް ދިނުންކަމުގައި ސަރުކާރުންވަނީ ބުނެފައެވެ.