ޣައްޒާގައި ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން ޤާހިރާގައި ބޭއްވި "ޢަރަބް ސިކްސް-ޕާޓީ" މަޝްވަރާ ބައްދަލުވުމަށް ދިވެހިރާއްޖޭން މަރުހަބާ ކިޔައިފިއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު މިޞުރުގެ ވެރިރަށް ޤާހިރާގައި ބޭއްވި "ޢަރަބް ސިކްސް-ޕާޓީ" މަޝްވަރާ ބައްދަލުވުމުގެ ނިންމުންތަކަށް ދިވެހިރާއްޖޭން މަރުހަބާ ކިޔާކަމަށެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދިޔަ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް ދިވެހިރާއްޖޭން ތާޢީދުކުރާކަމަށެވެ. އަދި އެއެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ކަމާއިގުޅުންހުރި އެންމެހާ ފަރާތްތަކަށް ރާއްޖޭންވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ޣައްޒާގެ ހާލުގައި ޖެހިފައިވާ ހުރިހާ ސަރަޙައްދަކަށް ލަސްނުކޮށް، އެއްވެސް ހުރަހަކާނުލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިކަމާއެކު އެޅުމުގެ މުހިންމުކަން ދިވެހި ސަރުކާރުންވަނީ ފާހަގަކުރައްވާފައެވެ.
Statement by the Government of Maldives welcoming the Arab Six-Party Consultative Meeting in Cairo on the ceasefire agreement in Gaza
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 2, 2025
🔗 Statement | https://t.co/DUmeUOWejr pic.twitter.com/cvaI9Jx0Vs
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމާއި ގުޅިގެން، ޣައްޒާ އަލުން އާރާސްތުކުރުމާބެހޭގޮތުން މަޝްވަރާކުރުމަށް ބައިނަލްއަޤްވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖޭން މަރުހަބާ ކިޔާކަމަށެވެ. އަދި ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނީ 1967ގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރައްވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.