އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ނަރުހެއްގެ މަރުގެ މައްސަލާގައި ބަންދުކޮށްފައިވާ ޙަލީމަތު ލަމްހާ ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި، އޭނާ ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން ހައި ކޯޓުން ބާޠިލުކޮށްފިއެވެ.
ހައިކޯޓުން މިގޮތަށް ނިންމެވީ ލަމްހާ ބަންދުން ދޫކޮށްލުމަށް މިދިޔަ ނޮވެމްބަރުމަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމެވި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކުރުމާއި ގުޅިގެން، އެ މައްސަލަ ބެއްލެވުމަށްފަހު އިއްވެވި ހުކުމްގައެވެ.
2021 ވަނަ އަހަރު ރާއްޖޭގައި މަރުވި ފިލިޕީންސްގެ ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ޙުކުމެއް ކުރެވެންދެން ނުވަތަ ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އަމުރުކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހުއެވެ. އެފަހަރު ކްރިމިނަލް ކޯޓުން މިގޮތަށް ނިންމެވީ ލަމްހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިފައިވާތީއާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީއެވެ.
އޭގެ ފަހުން 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 2ވަނަ ދުވަހު ލަމްހާގެ ބަންދު މުރާޖަޢާކޮށް، 3 މަސްދުވަހުގެ މުއްދަތަށް ބަންދުގެ އަމުރު ހިފަހައްޓައި، ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމެވިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ނިންމެވުން ބާޠިލުކުރެއްވުމަށްފަހު، އަނެއްކާވެސް ލަމްހާގެ ބަންދު ދަމަހައްޓަވާފައެވެ.
ހައިކޯޓުން އެގޮތަށް ނިންމެވުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހު ލަމްޙާގެ ފަރާތުން އޭނާ ބަންދުން ދޫކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއަކާއި ކޯޓު އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ލަމްހާގެ ފަރާތުން ފޯމު ހުށައެޅިއެވެ. ލަމްހާގެ މި ހުށައެޅުމާ ގުޅިގެން އޭނާ ބަންދުން ދޫކޮށްލުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 12ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމެވިއެވެ. ނަމަވެސް ޕީޖީގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރައްވާފައެެވެ.
އިސްތިއުނާފަށް ހުށަހެޅި މައްސަލާގައި ޕީޖީން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލަން ނިންމެވީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.
މި މައްސަލަ ބެއްލެވުމަށްފަހު 3 ފަނޑިޔާރުންގެ އިއްތިފާޤުން އިއްވެވި ހުކުމްގައި ކަނޑައަޅުއްވާފައިވަނީ ލަމްހާ ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން ބާޠިލުކުރުމަށެވެ. އަދި ލަމްހާ ބަންދުކުރުމަށް މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޕީޖީން ކްރިމިނަލް ކޯޓަށް ހުށައަޅައިފިނަމަ އެ ހުށައެޅުމާމެދު އެކަށީގެންވާ އަވަސް މިނެއްގައި ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އެންގުމަށް ޙުކުމްކޮށްފައިވެއެވެ.
ހައިކޯޓުގެ ހުކުމްގައި ފާޙަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ބަންދުގައި ދިގުމުއްދަތެއް ހޭދަވި ނަމަވެސް މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫންކަން ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން މި މައްސަލައިގައި ލަމްހާގެ ބަންދު މުރާޖަޢާކުރުމުގައި ޝަރީޢަތް ދިގުލައިގެން ގޮސްފައިވާކަމާއި އަދި މައްސަލަ ނިމޭނެ ދުވަހެއް އަންދާޒާނުކުރެވޭކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަންދާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަވާފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމާ ޚިލާފަށްކަމުގައި
ފަނޑިޔާރުން ފާހަގަކުރައްވާފައިވެއެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ޙުޒައިފާ މުޙައްމަދާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.
2021 ވަނަ އަހަރު ރާއްޖޭގައި މަރުވި ފިލިޕީންސްގެ ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ލަމްހާގެ އިތުރުން، މޭރީގެ ފިރިމީހާ މާރވިން އެސް.ވައިގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.