އައިޖީއެމް ހޮސްޕިޓަލްގައި ޤާއިމްކުރައްވާފައިވާ ނެޝަނަލް ކާޑިއެކް ސެންޓަރުގައި ހިތުގެ ޚާއްޞަ އޮޕަރޭޝަން ފެއްޓެވުމުގެ ތައްޔާރީތައް ވަމުންދާކަމަށް އައި.ޖީ.އެމް އެޗުން ވިދާޅުވެއްޖެއެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ މިހާރު މިކަމަށްޓަކައި ތިއޭޓަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ.
އައި.ޖީ.އެމް އެޗުގައި ޤާއިމް ކުރައްވާފައިވާ "ނެޝަނަލް ކާޑިއެކް ސެންޓަރ" ގެ މަސައްކަތްތައް މީޑިއާއާ ޙިއްސާ ކުރައްވަމުން އައި.ޖީ.އެމް ހޮސްޕިޓަލުގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ސީނިއަރ ކޮންސަލްޓެންޓް ޑރ.އަލީ ލަޠީފް ވިދާޅުވީ، ހިތުގެ ޚާއްޞަ އޮޕަރޭޝަންތައް ކުރެއްވުމަށް އެސެންޓަރުން ތައްޔާރުވަމުންދާއިރު،މިހާރު މިކަމުގެ ތަމްރީން ލިބިފައިވާ ޚާއްޞަ ދިވެހި ޑޮކްޓަރެއް އެހޮސްޕިޓަލުގައި އެބަހުންނެވިކަމަށެވެ. އަދި މިހާރު ހިތުގެ އޮޕަރޭޝަން ކުރުމަށް ބޭނުންވާ ގޮތަށް ތިއޭޓަރު ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޑރ. ލަޠީފް ވިދާޅުވިއެވެ.
ނެޝަނަލް ކާޑިއެކް ސެންޓަރުގައި މިދިޔަ ހުކުރު ދުވަހު ވަނީ ހިތުގެ ޚާއްޞަ ފަރުވާ ދޭން ފަށާފައެވެ.މީގެ ތެރޭގައި އެންޖިއޮގްރާމްގެ ޚިދްމަތާއި އެންޖިއޯޕްލާސްޓީ ހިމެނެއެވެ.
ޑރ.އަލީ ލަޠީފް ވިދާޅުވީ، އެންޖިއޯޕްލާސްޓީއާއި އެންޖިއޯގްރާމްގެ ޚިދުމަތް ދިވެހި ހުރިހާ ރައްޔިތުންނަށް ދެވޭނޭ އިންތިޒާމް ހަމަޖައްސަވާނޭކަމަށެވެ. އަދި ޞަރަޙައްދުގެ ފެންވަރުގައި މި ޚިދްމަތްތައް ފޯރުކޮށްދެވޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ އަލީ ލަޠީފް ވިދާޅުވީ ހިތުގެ ބައްޔަށް ފަރުވާ ދިނުމަށްޓަކައި އެހޮސްޕިޓަލުގައި މިހާރު ހިތުގެ ބަލިތަކަށް ޚާއްޞަ ތިން ޑޮކްޓަރުން އެބަތިއްބެވި ކަމަށާއި، ކިއުގައި ނުޖެހި ލުއި ފަސޭހަ ގޮތެއްގައި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސަވާނޭކަމަށެވެ. އަދި ހިތުގެ ބަލިތަކަށް ހަދާ ޓެސްޓުތައްވެސް ކިއުގައި ނުޖެހި ހެދޭނެ އިންތިޒާމް އެހޮސްޕިޓަލުން ހަމަޖައްސަވައިދެއްވާނޭކަމަށް ލަތީފް ވިދާޅުވިއެވެ.
އައި.ޖީ.އެމް.އެޗްގައި ނެޝަނަލް ކާޑިއެކް ސެންޓަރު ރަސްމީކޮށް ހުޅުވީ، މިދިޔަ ޖޫންމަހުގެ ފަސްވަނަ ދުވަހުއެވެ. މައިގަނޑުގޮތެއްގައި މިސެންޓަރުގައި ދެއްވާ ޚިދުމަތްތަކަކީ، އެންޖިއޯގްރަފީއާއި، އެންޖިއޯ ޕްލާސްޓީ ހެދުމުގެ ޚިދްމަތެވެ. އަދި ހިތުގެ ޕްރެޝަރު ބެލުމާއި، ހިތުގެ ކަރަންޓު ހިގާގޮތުގެ ނިޒާމް ބެލުމާއި، އެފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ފަރުވާ ކުރެވޭނޭ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި އުފެދުމުގައި، ހިތުގައި ހުންނަ އެކި އެކި ލޯވަޅު އޮޕަރޭޝަނަކާނުލާ ޑިވައިސްއެއް ބޭނުންކޮށްގެން ބެއްދުމާއި، ހިތުގެ ވިންދުގެ އެކި މައްސަލަތައް ދެނެގަނެ ކުޑަ ފެޅުމަކާއެކު ހިތައް ޕޭސްމޭކަރއެއް ލެއްވުމުގެ ޚިދުމަތްވެސް ކެތުލެބުން ލިބިގެންދާނެއެވެ.