މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިރާގުގެ ވެރިރަށް ބަޣުދާދުގައި ގޮއްވާލި ކާރު ބޮމުގެ ޙާދިސާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވުމާ ގުޅިގެން، އިރާގުގައި ޤައުމީ ހިތާމަ އިޢުލާންކޮށްފިއެވެ.
އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ލޭއޮހޮރުވުން ބޮޑު ޓެރަރިސްޓް ހަމަލާއާ ގުޅިގެން މުޅި ޤައުމުގައި 3 ދުވަސްވަންދެން ޤައުމީ ހިތާމަ އިޢްލާންކޮށް ރަސްމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމުގެ ވަގުތު، އިރާގުގެ ވެރިރަށް ބަޣްދާދުގެ އަލްކަރާދާ އަވަށުގެ ބާޒާރެއްގައި މީހަކު އަމިއްލައަށް މަރުވެގެން ދިން ކާރުބޮމުގެ ޙަމަލާގައި މަރުވި މީހުންގެ އަދަދު ސަތޭކަ ތިރީހަށްވުރެ މައްޗަށް ގޮސްފައިވާއިރު އެޙަމަލާގައި ދުއިސައްތަ މީހުން ޒަޚަމްވެފައިވެއެވެ. މިއީ މިފަހަކަށް އައިސް، އައިއެސް ޖަމާއަތުން ބަޣްދާދަށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ތެރެއިން މިހާ ގިނަބަޔަކު އެއްފަހަރާ މަރުވި ޙަމަލާއެވެ. މިޙަމަލާގެ ޒިންމާ އުފުލާފައިވަނީ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ. މިޙަމަލާދިން ބާޒާރަކީ ބަރަކާތްތެރި ފިތްރު އީދަށް ބޭނުންވާ ކާބޯތަކެއްޗާއި އަންނައުނުފަދަ ތަކެތި ގަތުމަށްޓަކައި ބަޣްދާދުގެ އާންމުންގެ ގިނަބަޔަކު ތޮއްޖެހިފައިވާ ބާޒާރެކެވެ.
މިޙަމަލާގައި މިހާ ގިނަ ބަޔަކު މަރުވީ ހަމަލާދިން އަލްކަރާދާގެ ބާޒާރުގައި މީހުން ތޮއްޖެހިފައިވުމުގެ އިތުރުން ކާރުބޮން ގޮއްވާލާފައިވަނީ ބާޒާރުގެ މެދުތެރޭގައި ކަމަށްވުމުން ކަމަށް އިރާގުގެ އަމަނާބެހޭ މަސްއޫލުވެރިން ވިދާޅުވެއެވެ. އިރާގުގެ ސިފައިންނާއި ފުލުހުންނާ އަދި އާންމުންގެ ގިނަ ބަޔަކު އާދީއްތަ ދުވަހުން ފެށިގެން ގެންދަނީ މިޙަމަލާގައި މަރުވި މީހުންގެ ހަށިތައް ހޯދައި އެމީހުން ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ.
ގޮއްވާލި ކާރުބޮމުގެ ބާރުގަދަ ކަމުން އަލްކަރާދާގެ ބާޒާރުގެ އިމާރާތްތައްވެސް ހަލާކުވެ ބައެއް އިމާރާތްތައްވަނީ އެއްކޮށް އަދައިގެން ގޮސްފައެވެ. އަދި މަރުވެފައިވާ މީހުންގެ ހަށިތައްވެސްވަނީ ކާކުކަން ނޭންގޭ މިންވަރަށް ފިހިފައެވެ. މީގެއިތުރުން މިހަމަލާގައި ޒަޚަމްވި މީހުންގެ ތެރެއިންވެސް އެތަށްބަޔަކު ދަނީ ފުރާނައާ ހަނގުރާމަ ކުރަމުންނެވެ. ބޮމުގެ ޙަމަލާގައި ހަށިގަނޑުގެ ބޮޑުބައި ފިހިފައިވާ އެތަށް ބައެއްގެ ފުރާނަ ސަލާމަތް ވުމުގެ ފުރްސަތު ކުޑަކަމަށް އިރާގުގެ ސިއްޙަތާބެހޭ ދާއިރާތަކުން ބުނެއެވެ.
އަމިއްލައަށް މަރުވެގެން މިޙަމަލާދިން އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިޔާ އަށް ގޮވާތަކެތި އަޅާފައިވާ ކާރާއެކު އަލްކަރާދާގެ ބާޒާރުގެ އެންމެ ފުނަށްދެވުނީ އިރާގުގެ ސަލާމަތީ ބާރުތަކުގެ ދޯދިޔާ ކަމުންކަން ފާހަގަކޮށް އިރާގުގެ ރައްޔިތުން ގެންދަނީ ބޮޑުވަޒީރު ހައިދަރުލްއަބާދީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އަބާދީ ގެ ސަރުކާރުންވަނީ މިފާޑުކިޔުންތައް ކޮންމެވެސް ވަރަކަށް ބަލައިވެސް ގެންފައެވެ. އާންމުންގެ ފިއްތުންތަކާ ގުޅިގެން އަބާދީވަނީ ކާރުފަދަ ތަކެތީގައި ގޮވާތަކެތި ހުރިކަން ދެނެގަތުމަށް އިރާގުގެ ފުލުހުން މިހާރު ބޭނުންކުރަމުން ގެންދާ އާލާތްތަކުގެ ބަދަލުގައި މަތީފެންވަރުގެ ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތައް ހޯދުމަށް އިރާގު ދާޚިލީ ވުޒާރާއަށާއި އަމަނާބެހޭ އިދާރާތަކަށް އަމުރު ކުރައްވާފައެވެ. އަދި ގޮވާތަކެތި ހުރިކަން ދެނެގަތުމަށް އިރާގު ފުލުހުން މިހާރު ބޭނުންކުރާ އާލާތްތައް މީގެފަހުން ބޭނުން ނުކުރުމަށްވެސް މިބަޔާނުގައި އަބާދީ އަމުރުކުރައްވާފައިވެއެވެ.
ގޮވާތަކެތި ހުރިކަން ދެނެގަތުމަށް އިރާގު ފުލުހުން މިހާރު ބޭނުންކުރާ އާލާތްތަކަކީ މީގެ ފަސްވަރަކަށް އަހަރުކުރިން ގަނެފައިވާ ފެންވަރުދަށް ތަކެތި ކަމަށް ޚަބަރުތައް ބުނެއެވެ.
އިނގިރޭސިވިލާތުގެ ވިޔަފާރި ވެރިއެއްކަމަށްވާ މާކޯމޭކް މެދުވެރިކޮށް އެތަކެތި ގަތުމަށް އިރާގުގެ ދާޚިލީ ވުޒާރާއިން ހިންގި ވިޔަފާރީގެ މުޢާމަލާތްތަކުގައި ކޮރަޕްޝަން ހިމެނޭކަން އިރާގުގެ މީޑިޔާއިން ވަނީ ހާމަކޮށްފައެވެ.