ތަރައްްޤީ

ބޮޑެތި ވަގުންތަކެއް ހައްޔަރުކުރުމާއެކު ވައްކަންތައް މަދުވެއްޖެ


އެމް. ޔޫ ސްޓޯރގެ އޮފީހުގައި ހުރި 3 ތިޖޫރީ ފަޅާލައި 2 މިލިއަނަށްވުރެ ގިނަރުފިޔާ ވަގަށް ނެގި މައްސަލާގައި ހިމެނޭ 5 މީހުން ހައްޔަރުކުރެއްވުމާއެކު ބޮޑެތި ވައްކަމުގެ ޢަމަލުތައް ކުރުން މަދުވެގެން ގޮސްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤު ނިންމަވައި 5 މީހެއްގެ މައްޗަށް ދަޢުވާކޮށްދެއްވުން އެދިވަޑައިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާކަމަށެވެ.  އަދި މިމައްސަލާގައި ހިމެނޭ މީހުންނަކީ، މޫނު ނިވާކޮށްގެން ރިސޯޓްތަކަށާއި ރަށްރަށަށް އަރައި ބޮޑެތި ވައްކަންކުރުމުގައި ޙަރަކާތްތެރިވާ ބައެއްކަމަށާއި އެމީހުން ބޭނުންކުރާ ބައެއް ފޯނު ނަމްބަރުތަކަކީ މީގެ ކުރިން ކޮށްފައިވާ ބޮޑެތި ވައްކަންތަކުގައި ބޭނުންކޮށްފައިވާ ނަމްބަރުތަކެއްކަން ފާހަގަކުރެއްވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.  

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙް ވިދާޅުވީ އެމް.ޔޫ ސްޓޯރ ފަޅާލައިގެން ވައްކަންކުރި މީހުންގެ އަތުން ފެނުނު ފައިސާއަކީ ވައްކަމުގެ މައްސަލައެއްގައި މިހާތަނަށް ފުލުހުން އަތުލައިގަތް އެންމެ ގިނަ ޢަދަދެއްގެ ފައިސާ ކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14676345564357.jpg|އެމް.ޔޫ ސްޓޯރ ތިޖޫރި ފަޅާލާފައި / ފޮޓޯ: ޕޮލިސް

މި މައްސަލާގައި ހިމެނޭ މީހުން އެހެން ބޮޑެތި ވައްކަން ކޮށްފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ތަޙްޤީޤުގެ ތެރެއިން މިހާރުވެސް ކުރައްވަމުން ގެންދަވާކަމުގައި ޢަބްދުﷲ ޝަތީޙް ވިދާޅުވިއެވެ.

އެމް. ޔޫ ސްޓޯގެ އޮފީހުގައި ހުރި 3 ތިޖޫރީ ފަޅާލައި 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވަނީ މި އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހުގެރޭ 2:30 ހާއިރުގައެވެ.

މިމައްސަލައިގެ ތަޙްޤީޤް ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ޖޫން 8 ވަނަ ދުވަހުއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ 5 ފަހަރެއްގެ މަތިން އިތުރުކޮށްދެއްވާފައެވެ. މި މައްސަލާގައި ހައްޔަރުކުރައްވާފައިވަނީ 20 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި 5 ފިރިހެނުންނެވެ.