އަމިއްލަ ތަންތަނުގައި ކިޔަވައިދެނީ ކަނޑައަޅާފައިހުރި މިންގަނޑުތަކަށްކަން ޔަޤީންކުރުމަށް ވަރަށް ގާތުން ބަލާނެ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދިން "އަހާ"ގެ 4 ވަނަ ފޯރަމުގައި ވަޒީރު ޑރ. ޙައިދަރު ވަނީ މަތީ ތަޢުލީމުގެ ކަންކަން ރާއްޖޭގައި ހަރުދަނާކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ހިއްސާކުރައްވާފައެވެ.
އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ވުޒާރާގެ މެންޑިޑޭޓުގައި ހިމެނޭ އެންމެ މުހިންމުކަމަކީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމަކީ ފެންވަރު ރަނގަޅު، ރަށްޔިތުން ބަލައިގަންނަ ފެންވަރެއްގެ ތަޢުލީމަކަށް ހެދުން ކަމަށެވެ.
އެގޮތުން އެންމެ މުހިންމުކަމަކަށް ރާއްޖޭގެ މަތީ ތަޢުލީމު ދޭ ހުރިހާ މުއައްސަސާތަކުގެ ކިޔަވައިދިނުމުގެ ފެންވަރާއި، ސަރުކާރުން ކަނޑައަޅާފައި އޮންނަ ކޮލިފިކޭޝަން ފްރޭމް ވޯކް ތެރެއިން ތައުލީމް ހާސިލް ކުރާ ތަންތަނުގައި އެ ފްރޭމް ވޯކާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރުކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮންނަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ތަންތަނުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ތަންތަނުގައިވެސް ކިޔަވައިދެނީ ކޮލިފިކޭޝަން ފްރޭމް ވޯކުގައި ކަނޑައަޅާފައިވާ މިންގަނޑަށްތޯ ކަށަވަރުކުރުމުގެ މަސައްކަތް ވަރަށް ގާތުން ކުރަމުންދާކަމަށެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށް ޔަޤީންކަން އަރުވަން، ޚާއްސަކޮށް އަމިއްލަ ކޮލެޖުތަކުގައި ކިޔަވައިދޭއިރު ކަނޑައަޅާފައިހުރި މިންގަނޑުތަކަށް، ކޮލެފިކޭޝަންގެ ތެރެއިންތޯ ކިޔަވައިދެނީ ޔަޤީންކުރުމަށް. ގޮންޖެހުންހުރި ކަމެއް ނަމަވެސް ވަރަށް ގާތުން އެކަން ބަލާނަން." ވަޒީރު ވިދާޅުވިއެވެ.
އަހާ ފޯރަމްގައި އާންމު ފަރުދަކު ޑިގްރީ ޕްރޮގްރާމްތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދެވި ލަސްވަނީ ކީއްވެގެންތޯ އެހުމުން ވަަޒީރު ވިދާޅުވީ، ދޭންޖެހޭ ފައިސާ ދިނުމުގައި ދަތިވާ އެންމެ ބޮޑު މައްސަލައަކީ ލިޔެކިއުންތައް ހަމަނުވުންކަމަށެވެ. އެމަރުހަލާ ފުރިހަމަވާނަމަ ފައިސާ ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ލިޔެކިޔުންތައް ލާއިރު ލިޔެކިޔުންތައް ހަމަތޯ ވަރަށް ރަނގަޅަށް ބެލުމަށް އެދިވަޑައިގެންފައެވެ.
"ޑިގްރީ ޕްރޮގްރާމް ތަކަށް ދޭން ޖެހޭ ފައިސާ ދިނުމުގައި ދަތިވާ އެންމެ ބޮޑު މައްސަލައަކީ ލިޔެކިއުންތައް ހަމަނުވުން. ލިޔެކިޔުންތައް ހަމަވައިނަމަ އެއްވެސް ކަހަލަ މައްސަލައެއް ނޫޅޭނެ. އެހެންވީމަ ވަރަށް ބޮޑަށް ޔަޤީން ކުރައްވަންވާނެ ދަރިވަރުންވެސް ހުރިހާ ލިޔެކިޔުންތައް ހަމަތޯ." ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ހުނަރުވެރި ތަޢުލީމީ ޤާބިލު ބަޔަކު އުފެއްދުމަށްޓަކައި، އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށް ދިނުމަށް އެކްސްޕޯޓް އެޑިއުކޭޝަންގެ ކަންކަން ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.