ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ޑޮލަރު އެޓީއެމްއެއް ބަހައްޓައި، ޚިދުމަތް ދޭން ފަށައިފިއެވެ.
މި އޭޓީއެމް ބަހައްޓާފައިވަނީ ބީއެމްްއެލްގެ ހިތަދޫ ބްރާންޗުގައެވެ.
ބީއެމްއެމްލް ޑޮލަރު އޭޓީއެމް ރަސްމީކޮށް ހުޅުވައި ދެއްވީ ހިތަދޫ ބްރާންޗުގައި ބޭއްވި ރަސްމިއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުހައްމަދު ސަޢީދު އަދި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފްއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ބީއެމްއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ. އަދި އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާއެކު، ބޭންކުން ދަނީ އައްޑޫ ސިޓީގައި ބޭންކިން ހިދުމަތް އިތުރަށް ހަރުދަނާ ކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫގައި ޤާއިމްކުރި ޑޮލަރު އޭޓީއެމްއަކީ 24 ގަޑިއިރު ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ޚިދުމަތް ލިބޭނެ ސެލްފް ސާވިސް އޭޓީއެމްއެކެވެ. މި އޭޓީއެމްގެ އިތުރުން މިހާރުވެސް ހިތަދޫ ބްރާންޗުގައި އިތުރު 2 އޭޓީއެމް ގާއިމްކޮށްފައިވެއެވެ. އެއީ ރުފިޔާ ނެގުމާއި ޖަމާކުރުމަށް ހާއްސަ ސެލްފް ސާވިސް އޭޓީއެމްއަކާއި، ރުފިޔާ ނެގުމަށް ހާއްސަ އެއް އޭޓީއެމްއެވެ.
އައްޑޫ ސިޓީއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލްއިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އެގޮތުން މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 151 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތް ދެމުން ދެއެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަލަށް އައްޑޫގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށިއިރު، މިއީ މާލެ ސަރަހައްދު ފިޔަވައި ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތް ސިޓީއެވެ. މުޅިއެކު 35000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އައްޑޫއަކީ، ސަރުކާރުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. މިގޮތުން ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު އައްޑޫގައި އައްސޭރި ޓުއަރިޒަމްގެ ނަމުގައި 6000 އެނދު ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.