ޚަބަރު

161 ރިސޯޓެއް ނުހެދި، އެއްބަސްވުން ބާތިލު ކުރެވޭނެ އުސޫލެއް


  • ރިސޯޓު ހަދަން ދޫކޮށް 20-25 އަހަރުވީ ތަންތަން އެބަހުރި

  • އައު ޤަވާއިދުގެ ދަށުން މިތަންތަނުގެ އެއްބަސްވުން ބާތިލު ކުރެވޭނެ

ރާއްޖޭގެ އިޤުތިޞާދުގެ އެންމެ މުހިންމު އެއް ސިނާއަތަކީ، ފަތުރުވެރިކަމުގެ ސިނާއަތެވެ. ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރިސޯޓު ތަރައްޤީކުރުމަށް މީގެކުރީގެ އެކިއެކި ސަރުކާރުތަކުން ވަނީ، ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް ދޫކޮށްފައެވެ. ނަމަވެސް މި ތަންތަން ތަރައްޤީނުވެ ގިނަ ދުވަސްވެގެން ދިއުމަކީ، އާންމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމުގެ ތެރެއިން އާންމުން ރައްޔިތަކު ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރިސޯޓު ތަރައްޤީ ކުރުމަށް އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތައް ނުހެދި ދިގުލައިގެންދާ ކަމުގެ ކަންބޮޑުވުން ހިއްސާކުރިއެވެ.

މިކަމާއި ގުޅޭގޮތުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މި މައްސަލައަކީ ރާއްޖޭގައި ޒަމާންވެފައި އޮތް ބޮޑު މައްސަލައެއް ކަމަށެވެ. ރިސޯޓު ހެދުމަށް ދޫކޮށްފައިވާ އެހެންނަމަވެސް ނުހުޅުވި ހުޅި ފަޅުތަކާއި، ރަށްތަކުގެ އަދަދު 161 އަށް އަރާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

"މިހާރު ކުޑަގޮތަކަށް ހިސާބެއް ދަންނަވާފާނަން ރާއްޖޭގެ ޑިސްޓްރެސް ހާލަތުގައި ރަށްރަށާއި، ފަޅުތައް އެބަހުރި 161 ސީދާ ނަންބަރުން ދަންނަވާ ކަމަށްވަންޏާ. މީގެތެރޭގައި އެބަހިމެނޭ 20 އަހަރު 25 އަހަރު ނޫނިއްޔާމު 10 އަހަރު 12 އަހަރު ވެފައިހުރި ތަންތަން. އެކި ސަރުކާރުތަކުން މިއަދާ ހަމައަށް އައިއިރު މި މައްސަލަތަކަށް އެކަށީގެންވާ ފިޔަވަޅެއް ނެތް އެޅިފައެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިއީ ދައުލަތާއި ރައްޔިތުންގެ ހައްޤު ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. އެއްބަސްވުމެއްގެ ދަށުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްފައިވަނީ، ވަކި މުއްދަތެއްގައި އެތަންތަން ތަރައްޤީކޮށް ހުޅުވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. މިތަންތަން ނުހުޅުވި ގިނަދުވަސް ދިގުލައިގެން ދިއުމަކީ، ސަރުކާރާއި ރައްޔިތުންނަށް އޭގެ ގެއްލުން ލިބޭނެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ހުޅުވުމުގެ ސަބަބުން ދައުލަތައް ލިބޭ ޓެކްސް އާމްދަނީ އިތުރުވެގެންދެއެވެ. ވަޒީރު އަމީން ވިދާޅުވީ، މި ސަރުކާރު ހަވާލުވުމާއި ހަމައަށް މިގޮތަށް ދޫކޮށްފައިވާ ރަށްރަށުގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރު ކުރަމުން ދިޔަ ކަމަށެވެ. އެހެންކަމުން އެއްބަސްވުންތައް ބާތިލުކުރެވޭނެ އުސޫލެއްނެތި އޭގެ ގެއްލުން ދައުލަތަށް ވަމުންދިޔަ ކަމަށެވެ.

"މިއަދާ ހަމައަށް މިކަންތައް ހިނގަމުން އައިސް އޮތް ހަޤީގަތަކީ، ޓުއަރިޒަމް މިނިސްޓަރަކަށް ޤާނޫނީގޮތުން ލާޒިމްކުރައްވާ ސީޕީ ރެގިއުލޭޝަންސް ހަދަން. އެކަމަކު މިދެންނެވި ކޮންސްޓްރަކްޝަން ޕީރިއަޑުގެ އުސޫލުތަކެއް ކަނޑައަޅާފައި ކެޓަގަރައިޒުކޮށްފައި ޤަވާއިދު ކަނޑައަޅައިގެން ދިޔަ. އެކަމަކު މިއަދާއި ހަމައަށް އަޅުގަނޑުމެން ސަރުކާރު އައުމާއި ހަމައަށް މިކަން ހިނގާފައި އޮތް ގޮތަކީ، އެކި ބޭފުޅުންނަށް އެކި ދައުރުގައި ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެއްވީމަ އެތަންތަން ޓާމިނޭޓްއެއް ނުކުރެވޭ، ޑިސްޓްރެސް ހާލަތުގައި އޮންނަނީ. ދައުލަތައް ދައްކަންޖެހޭ ލޭންޑް ރެންޓް އެއްޗެހި ޝެޑިއުލް ކުރެވިގެން ގޮސް މިހާރު 500- 600 މިލިޔަން ޑޮލަރާއި ހިސާބަށް ޖުމްލަ ގޮތެއްގައި އަރާފައި ހުރީ." ވަޒީރު ވިދާޅުވިއެވެ.

މިކަމަށް ހައްލެއް ގެނައުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިދިޔަ މަހުގެ 10ވަނަ ދުވަހު ވަނީ، "ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ނުނިމި ހުރި ތަންތަނާއި ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްޤީ ކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެޒެޓްކޮށްފައެވެ. މި ޤަވާއިދާއިއެކު މިގޮތަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތައް ތަރައްޤީކުރުން ލަސްވެގެން ދިގުދެމިގެންދާ ތަންތަނާއިމެދު އަމަލުކުރާނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ. އަދި އެއްބަސްވުން ބާތިލު ކުރެވޭނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. ވަޒީރު އަމީން ވިދާޅުވީ، މި ޤަވާއިދާއެކު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފެނިގެންދާނެ ކަމަށެވެ.

"މިދިޔަ މަހު އަޅުގަނޑުމެން މިހާރު 2 ހަފުތާއެއްވެއްޖެ މިދެންނެވި ސީޕީ ރެގިއުލޭޝަން 4 ކެޓަގަރީއަކަށް ބަހާފައި ޓާމިނޭޝަން ޕްރޮސެސްއަށް ދެވޭނެގޮތަށް މިހާރު ވާނީ ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ގެޒެޓްކުރެވިފައި. އޭގައި ހުންނާނެ ގިންތިތަކެއް ކަނޑައަޅާފައި. އިރާދަކުރެއްވިއްޔާ މި ހަފުތާ ތެރޭގައި އަމަލީ މަސައްކަތްވެސް އަޅުގަނޑުމެން ކުރާނަން. މިއީ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ހައްޤުގައި ރައީސް ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް." ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު ރާއްޖޭގައި 180 ރިސޯޓެއް ދަނީ، އޮޕަރޭޓް ކުރަމުންނެވެ. މި ތަންތަނުގެ ކެޕޭސިޓީ 45،000 އިން މައްޗަށް އަރައެވެ.