ޚަބަރު

ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ލަންކާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފި


  • މި މަޢުލޫމާތުތައް ހިއްސާކޮށްފައިވަނީ ޚާރިޖީ ވަޒީރު މިހާރު ލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

  • މާލީ ނިޒާމު ހަރުދަނާކޮށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ގެންގުޅޭ ސިޔާސަތުތައް ތަފްޞީލުކޮށްދެއްވި

ދިވެހިރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު ސްރީލަންކާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފިއެވެ.

މި މަޢުލޫމާތުތައް ހިއްސާކޮށްފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ލަންކާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ ލަންކާގެ ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ތެރެއިން ވިޔަފާރިއާއި އިޤްތިޞާދީ މުޢާމަލާތްތައް މިހާރަށްވުރެ އިތުރުކުރެވިދާނެ ގޮތްތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާއި، އެކި ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކާއި، އިޤްތިޞާދީ ދުވެލި ހަލުވިކޮށް، މާލީ ނިޒާމު ހަރުދަނާކޮށް، އިންވެސްޓަރުންގެ އިތުބާރާއި ޔަޤީންކަން އިތުރުކުރުމަށްޓަކާ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައްވެސް ލަންކާގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ ހިއްސާކޮށްފައިވާކަމަށެވެ.


ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެެފޭއަރ، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެކި ދާއިރާތަކުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ފުރުޞަތުތަކުގެ މަޢުލޫމާތު ލަންކާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފައިވާއިރު، ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ލަންކާއާ ދެމެދު ބޭއްވުނު ރަސްމީ މަޝްވަރާތަކުގައިވެސް ވިޔަފާރީގެ ރޮނގުން ލަންކާއާއެކު ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ވަނީ ކުރިއަށްގެންފޮސްފައެވެ.