ދެ ޤައުމުގެވެސް ކުރިއެރުމާއި ފާގަތިކަމަށް ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގުޅުން ކުރިއަށްއޮތްތަނުގައިވެސް ދެ ޤައުމުން ގުޅިގެން ބަދަހިކުރައްވާނެކަމަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ސްރީލަންކާގެ ރައީސްގެ އަރިއަހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތަށްފަހު ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވީ ލަންކާއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއި އެމަނިކުފާނަށް ލަންކާގެ ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރައްވައި ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ދެ ޤައުމުގެވެސް ކުރިއެރުމާއި ފާގަތިކަމަށް ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ގުޅުން ދެ ޤައުމުން ގުޅިގެން އިތުރަށް ބަދަހިކުރައްވާނެކަމަށް ލަންކާގެ ރައީސް ވިދާޅުވިއެވެ.
Yesterday (20), I met with @abkhaleel, the Maldivian Minister of Foreign Affairs, at the Presidential Secretariat. I appreciate his kind words about our electoral victory and the positive changes in Sri Lanka. Together, we will strengthen our bilateral relations for a brighter… pic.twitter.com/oEsEQu9Vzl
— Anura Kumara Dissanayake (@anuradisanayake) February 20, 2025
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތުން ލަންކާގެ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް ޚާރިޖީ ވަޒީރުވަނީ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސްރީލަންކާ އާއި ރާއްޖޭގެ ގުޅުމުގައި ހިމެނޭ މުހިންމު ދާއިރާތައް ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ސްރީލަންކާއިން ވެދޭ އެހީތެރިކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ރާއްޖޭގެ ފޮރިން ސެކެރެޓަރީ ފާތިމަތު އިނާޔާއާއި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މައްސޫދު އިމާދާއި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކެްރެޓަރީ އައިމިނަތު ޢަބްދުﷲ ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފޭއަރޒް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.