މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 3.8 ބިލިޔަން ރުފިޔާގައިކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ހުރި މިންވަރަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދަށް ހިނގާފައިވާ 4.9 ބިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު، 21 އިންސައްތަ ދަށް އަދަދެކެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރެވިފައިވާއިރު، ޚަރަދުގެ ތެރޭގައި، ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 2.8 ބިލިޔަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 169 މިލިޔަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނޭ 2.8 ބިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 1.1 ބިލިޔަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 1.7 ބިލިޔަން ރުފިޔާއެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.
މާލީ ވުޒާރާގެ ރިޕޯޓުގައިވާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް 4.4 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 3.8 ބިލިޔަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ 541 މިލިޔަން ރުފިޔާ، އެހީގެ ގޮތުގައި ލިބިފައިވާ 28.3 މިލިޔަން ރުފިޔާ ހިމެނެއެވެ.
ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސަރވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 1.3 މިލިޔަން ރުފިޔާ އިތުރުކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.