ޚަބަރު

ފުރަތަމަ 6 މަސް: މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.4 ބިލިޔަން ހޯދައިފި


  • އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދީ ފުރަތަމަ ކުއާޓަރުގައި؛ އެއީ 2.09 ބިލިޔަން ރުފިޔާ

  • މީރާއިން ނޯޓިސް ފޮނުވައިގެން 2.39 ބިލިޔަން ރުފިޔާ ހޯދާފައިވޭ

  • ފުރަތަމަ ދެ ކުއާޓަރުގައި 73 އޮޑިޓެއް ފުރިހަމަކޮށްފައިވޭ

އަހަރުގެ ފުރަތަމަ 6 މަސް ދުވަހު މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.4 ބިލިޔަން ރުފިޔާ އެ އިދާރާއިން ހޯދާފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ނުލިބިހުރި ފައިސާގެ ބޮޑުބައެއް ހޯދާފައިވާނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ތެރެއިން ނުލިބިހުރި އާމްދަނީ ހޯދުމަށް މީރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ޤަވާއިދުން އަންގަންޖެހޭ އެންގުންތައް އަންގައިގެން މީރާއަށް ނުލިބިހުރި އާމްދަނީ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފުޅާކޮށްފައެވެ.

މީރާއިން މިހާތަނަށް އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، މިހާތަނަށް މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިގޮތުން ފުރަތަމަ ކުއާޓަރުގައި 2.09 މިލިޔަން ރުފިޔާ ހޯދާފައިވާއިރު ދެވަނަ ކުއާޓަރުގައި 1.39 ބިލިޔަން ރުފިޔާ ހޯދާފައިވެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވަނީ ޑަނިން ނުވަތަ ނޯޓިސް ފޮނުވައިގެންނެވެ.

ފުރަތަމަ 2 ކުއާޓަރު ނުލިބިވާ ފައިސާ ހޯދި މިންވަރު:

ޑަނިންގް / ނޯޓިސް ފޮނުވައިގެން - 2.39 ބިލިޔަން ރުފިޔާ
ޑިއުސް ކްލިއަރެންސް - 861.19 މިލިޔަން ރުފިޔާ
ފޯނު / އީމެއިލްއިން ހަނދާކޮށްދީގެން - 192.38 މިލިޔަން ރުފިޔާ
ބޭންކް އެކައުންޓް ފްރީޒްކޮށްގެން - 14.54 މިލިޔަން ރުފިޔާ
ނަން ހާމަކޮށްގެން - 21.45 މިލިޔަން ރުފިޔާ

ދެ ކުއާޓަރުގައި ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ނުވަތަ ޓެކްސް ބަޔާން ހުށަނާޅާ ގިނަ ފަރާތްތަކަށް މިރާއިން ވަނީ ފަހުގެ ނޯޓިސް ފޮނުވާފައެވެ. މިގޮތުން ފުރަތަމަ ކުއާޓަރުގައި ޓެކްސް ބަޔާން ހުށަނާޅާ 10,701 ފަރާތަކަށް ފަހުގެ ނޯޓިސް ފޮނުވިއިރު، ދެވަނަ ކުއާޓަރުގައި 9,798 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެއެވެ. ފުރަތަމަ ކުއާޓަރުގައި ޓެކްސް ނުދައްކާ 5,776 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެއެވެ. އަދި ދެވަނަ ކުއާޓަރުގައި 6,586 ފަރާތަކަށް ނޯޓިސް ވަނީ ފޮނުވާފައެވެ.

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި އަދި ކަނޑައެޅިފައިވާ ގޮތަށް ދައުލަތައް ދައްކަންޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމަށް މީރާއަށް ތަހުޤީޤު ހިންގާ އޮޑިޓް ކުރުމަށް ބާރު ދީފައިވެއެވެ. އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި 23 އޮޑިޓެއް ހިންގައި 61.92 މިލިޔަން ރުފިޔާ ޓެކުހުގެ ގޮތުގައި އިތުރަށް ދެއްކުމަށް ވަނީ އަންގާފައެވެ. ދެވަނަ ކުއާޓަރުގައި މިމަސައްކަތް އިތުރަށް ފުޅާކޮށް 50 އޮޑިޓެއް މީރާއިން ވަނީ ފުރިހަމަކޮށްފައެވެ. އަދި ޓެކުހުގެ ގޮތުގައި އިތުރަށް 30.35 މިލިޔަން ރުފިޔާ ދައްކަން އަންގާފައިވެއެވެ. މިއާއެކު ޖުމްލަ 73 އޮޑިޓެއް އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ފުރިހަމަކޮށް، 92.27 މިލިޔަން ރުފިޔާ ހޯދުމަށް ވަނީ އަންގާފައެވެ.

މީރާއަށް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާ މިންވަރު ބެލުމަށް މީރާއިން ކޮމްޕްލައެންސް ޒިޔާރަތްތަކެއް މީރާއިން ކުރެއެވެ. މީރާއިން ވަނީ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މިފަދަ 2612 ޒިޔާރަތެއް ކޮށްފައެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ޤާނޫނުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމުގެ ގޮތުން މީރާއަށް ވަނީ ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް ގެނައި ބަދަލާއިއެކު އިތުރު ބާރުތަކެއް ދީފައެވެ. މިގޮތުން ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި މެދު ޢަމަލުކުރާނެ ގޮތްތަކާއި ދައްކަންޖެހޭ ޓެކްސް ބިނާކުރުމުގެ ކަންކަން ޤާނޫނުގައި ހިމަނާފައިވެއެވެ.