ޚަބަރު

އީގަލްސްގެ "ރޯދަ ސާފު" ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި


  • 25 ގެއަކުން ވަނީ ކުނި އުކައިދީފައި

  • މި ހަރަކާތަށް ސިޓީ ކައުންސިލާއި ވެމްކޯގެވެސް އެހީތެރިވި

ރަމަޟާންމަހާ ދިމާކޮށް، އީގަލްސްއިން ކުރިއަށްގެންދިޔަ "ރޯދަ ސާފު" ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ހަރަކާތަކީ ރަމަޟާންމަހާ ދިމާކޮށް މާފަންނު ސަރަޙައްދު ސާފުކޮށް ބޭއްވުމަށްޓަކައި އީގަލްސް ޖަމްޢިއްޔާއިން އިސްނަގައިގެން މިއަދު މެންދުރުން ފެށިގެން ހަވީރު 5:00 އަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އީގަލްސް ކޮމިއުނިޓީގެ ރައީސް މުޙައްމަދު ތައުފީޤު ޢަލީ ވިދާޅުވީ، މިހަރަކާތުގެ ދަށުން 25 ގެއަކަށް ގޮސް އެގެތަކުގެ ކުނި އުކާލާފައިވާކަމަށެވެ. އަދި ވެސްޓްޕާކް ސަރަޙައްދަށް ކުނި ގެނެސްދޭ މީހުންނަށް ކުނި އުކައިދީފައިވާކަމަށްވެސް ތައުފީގު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ކުރީބައިގައި ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް އަންގާލިން އުކާލަން ބޭނުންވާ ކުނީގެ ފޮޓޯއެއް ވައިބާކޮށްލަން، އެގޮތުން 25 ގެއަކުން ވަނީ އަޅުގަނޑުމެންގެ ނަމްބަރަށް ވައިބަރ ކޮށްފައި. ދެން ނަންނޯޓުކުރި 25 ގޭގެ އިތުރުން ހަރަކާތް ފެށުމާއެކު މީހުން ގުޅަން ފަށައިފި. އެގޭގެއަށްގޮސް ކުނިނެރެވެސް ދިނިން، އެހެންނަމަވެސް އެއީ މާފަންނުގެ ގެތައް، ގަލޮޅު ހެންވޭރުންވެސް އެބަ ގުޅާ، ގުޅީމަ އަޅުގަނޑުމެން ހަދާގޮތަކީ ބުނަނީ މިތަނަށް ގެނެސްދޭށޭ. ގެނެސްދިނީމަ އަޅުގަނޑުމެން އުކާލަދެން" ތަޢުފީޤު ވިދާޅުވިއެވެ.

މިހަރަކާތް ކުރިއަށްގެންދިއުމަށްޓަކައި މާލެސިޓީ ކައުންސިލާއި ވެމްކޯގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނުކަން ތައުފީޤު ފާހަގަކުރެއްވިއެވެ. އެގޮތުން ވެމްކޯއިން ކުނި އުކައިދޭނެ ލޮރީ ފޯރުކޮށްދީފައިވާކަމަށާއި، ސާފުކުރުމުގެ ހަރަކާތުގައި ވެމްކޯގެ މުވައްޒަފުންވެސް ހަރަކާތްތެރިވެފައިވާކަމަށް ތަޢުފީޤު ވިދާޅުވިއެވެ. އަދި މާލެސިޓީ ކައުންސިލުންވެސް ކުނި އުކާނެ 2 ޕިކަޕު ފޯރުކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެހީތެރިކަމެއްވެދެއްވާ ވެމްކޯއާއި މާލެސިޓީ ކައުންސިލުން، އެކަމަށްޓަކަިއ އެދެ މުއައްސަސާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން، ވެމްކޯއިން އަޅުގަނޑުމެންނަށް ލޮރީ ގެނެސްފަ އެ ބޭފުޅުންވެސް މިކަމުގެ އެބަ ހަރަކާތްތެރިވޭ، ސިޓީ ކައުންސިލުންވެސް އަޅުގަނޑުމެންނަށް ކުޑަ ދެޕިކަޕު ފޯރުކޮށްދީފަވޭ" ތަޢުފީޤު ވިދާޅުވިއެވެ.

ތައުފީޤު ވިދާޅުވީ، މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްޞަދަކީ، މަގުތަކާއި އާންމުން އެއްވާ ތަންތަނަކީ އެންމެނަށްވެސް ހިތްފަސޭހަ ތަންތަނުގެ ގޮތުގައި ހެދުމާއި، މަގުމައްޗަށް ކުނި އެޅުމުގެ ނުރަނގަޅު އާދަ ނައްތާލުމަށް އެހީތެރިވުންކަމަށެވެ. އަދި މިއީ އެހެން އަވަށްތަކުގެ މީހުންނަށްވެސް ނަމޫނާ ދެއްކުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށްވެސް ތަޢުފީޤު ވިދާޅުވިއެވެ.

އީގަލްސްއިން ވަނީ މިދިޔަ ހޮނިހިރު ދުވަހުވެސް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު މާލޭގެ ހުޅަނގު ފަރާތު ތޮށިމަތީގައި ގިނަވެފައިހުރި ކުނިތައް ނެގުމުގެ މަސައްކަތް ކޮށްފައިވާއިރު މިފަހަރުގެ ހަރަކާތް ބޮޑަށް އަމާޒުކޮށްފައިވަނީ ގޭގެއިން އުކާނުލެވި ހުރި ކުނިތައް އުކައިދިނުމުގައި އެހީތެރިވުމަށްކަމަށް އީގަލްސްއިން ބުނެއެވެ.

ރަމަޟާންމަހާ ދިމާކޮށް މާލޭގެ އެކި ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް ސަރުކާރުގެ އެކި މުއައްސަސާތަކައި، މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް އަންނަނީ ކުރަމުންނެވެ. އަދި އަތޮޅުތަކުގައިވެސް އެކި ފަރާތްތަކުން ދަނީ ސާފުކުރުމުގެ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.