ޚަބަރު

ޤައުމެއް ތަރައްޤީވެ، ކުރިއަރައިގެން ދާނީ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ދެވިގެން: އަފްރީން


  • ބެލެނިވެރިންނާއި މުދައްރިއްސުންގެ މަސައްކަތް އެކަމަނާ ފާހަގަކުރެއްވި

ޤައުމެއް ތަރައްޤީވެ، ކުރިއަރައިގެން ދާނީ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ދެވިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އަފްރީން ވަނީ ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ދަސްވެނިވި ދަރިވަރުން ކުރިމަގުގައި ތަޢުލީމީ އެހެން ހަރުފަތްތަކުން ކާމީޔާބީ ހޯދާތަން ފެންނާނެ ކަމަށް އުއްމީދުކުރައްވާ އެކަމަނާ ކަމަށް ވިދާޅުވިއެވެ.

އަފްރީންގެ ވާހަކަފުޅުގައި ހެޔޮ އަޙްލާގެއް ލިބިފައިވާ ތަޢުލީމީ ޖީލެއް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ޤައުމެއް ކުރިއަރައި ދާނީ އެޤައުމެއްގެ ދަރިންނަށް ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ދެވިގެންކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ކިޔަވާ ކުދިންނަކީ، ޤައުމުގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ އަސާސްކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މިފަދަ ޖީލެއް ބިނާކުރުންކަންވެސް ފާހަގަކުރެއްވިއެވެ.

"ޤައުމެއް ކިޔަވާ ކުދިންނަކީ ޤައުމުގެ ކިޔަވާ ކުދިންނަކީ އެ ޤައުމުގެ އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ އަސާސް. ކޮންމެ ކުއްޖަކީވެސް ތަފާތުކުރުމެއް ނެތި މުހިންމު ކުށްޖެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ. ދިވެހި ސަރުކާރުގެ ވިސްނުމަކީ މި ގޮތުގެ މަތީގައި ތަޢުލީމީ ޖީލު ބިނާކުރުން. " ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށް މުދައްރިއްސުންނާއި ބެލެނިވެރިން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އެކްސެލް ސްކޫލުގައި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. އެގޮތުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 154 ދަރިވަރުން ވަނީ ތަޢުލީމު ސަނަދު ހާސިލްކޮށްފައެވެ.