އެފްރިކާގެ 4 ޤައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މޮޒަންބީކަށް ވަޑައިގެންފިއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ އެފްރިކާ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި މޮޒަންބީކުގެ އިތުރުން ދެކުނު އެފްރިކާއާއި ޓެންޒެނިޔާއާއި ކެންޔާ ހިމެނެއެވެ. މިހަތަރު ގައުމަކީވެސް ޒަމާންވީ ގުޅުންތަކެއް އިންޑިޔާއާއެކު ބައްވަމުން ގެންދާ ގައުމުތަކެކެވެ. މިއިން ކޮންމެ ގައުމެއްގައިވެސް އިންޑިޔާގެ ދަރިކޮޅުގެ ކޮމިއުނިޓީއެއް އޮވެއެވެ.
img:http://s4.psmnews.mv/images/660x400/14678790177587.jpg|މޮޒަމްބީކްގެ ވެރިރަށް މަޕޫޓޯ
މޯދީ މިގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ އެޖެންޑާގައި، އެގައުމުތަކުގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅުގެ މީހުންނާ ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މޯދީ މޮޒަންބީކަށް ކުރައްވާ ދަތުރުފުޅުގައިވެސް އެގައުމުގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅުގެ މީހުންނާ ބައްދަލުކުރައްވާނެއެވެ. މޯދީގެ ދަތުރުފުޅާ ގުޅިގެން މޮޒަންބީކް އާއި އިންޑިޔާގެ މަސްއޫލުވެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި މޮޒަންބީކްގައި އުފައްދާ ގުދްރަތީ ގޭސް އިންޑިޔާއަށް އެކްސްޕޯޓް ކުރުމާގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.
img:http://s3.psmnews.mv/images/660x400/14678790920789.jpg|މޮޒަމްބީކްއަކީ ޤުދުރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެއް
މޮޒަންބީކް އަކީ ގުދްރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. މީގެއިތުރުން ދަނޑުވެރިކަމާއި ތައުލީމާއި ސިއްޙަތުގެ ދާއިރާތަކާއި އިންވެސްޓްމަންޓާ އަދި އިމްޕޯޓް އެކްސްޕޯޓާބެހޭ އެއްބަސްވުންތަކުގައިވެސް މޮޒަންބީކް އާއި އިންޑިޔާގެ މަސްއޫލުވެރިން ސޮއިކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
މޮޒަންބީކަށްފަހު މޯދީ ވަޑައިގަންނަވާނީ ދެކުނު އެފްރިކާއަށެވެ. ދެކުނު އެފްރިކާއަކީ އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތަމާ ގާންދީގެ ހަޔާތްޕުޅާ ގުޅިފައިވާ ގައުމެކެވެ. މޯދީ ދެކުނު އެފްރިކާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ރައީސް ޖޭކޮބް ޒޫމާ އާއި ނައިބު ރައީސް ސައިރިލް ރަމަފޯސާ އާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ދެކުނު އެފްރިކާގައި، މަހާތަމާ ގާންދީ އުޅުއްވި ތާރީޚީ ތަންތަނަށްވެސް މޯދީ ޒިޔާރަތް ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.
img:http://s2.psmnews.mv/images/660x400/14678792465248.jpg|ސައުތް އެފްރިކާގެ ޖޮހަނަސްބާރގް
ދެކުނު އެފްރިކާގެ ވެރިރަށް ޕްރިޓޯރިޔާގެ އިތުރުން މޯދީ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ސިޓީތަކުގެ ތެރޭގައި ޑާބަން، ޖޮހަނަސްބާގް އަދި ޕީޓަރމެރިސްބާގް ހިމެނެއެވެ.
އެފްރިކާގެ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ނިއުދިއްލީގައި ދެއްވި ބަޔާނެއްގައި މޯދީ ވަނީ ދެކުނު އެފްރިކާއަކީ އިންޑިޔާގެ ސްޓްރެޓީޖިކް ބައިވެރިއެއްކަމަށް ސިފަކުރައްވައި ދެގައުމުގެ ދެމެދުގައިވާ ތާރީޚީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވައި ވާހަކަ ދައްކަވާފައެވެ.
ދެކުނު އެފްރިކާއަށްފަހު މޯދީ ވަޑައިގަންނަވާނީ ޓެންޒެނިޔާއަށެވެ. ޓެންޒެނިޔާއަކީވެސް އިންޑިޔާއާއެކު ޒަމާންވީ ބަދަހި ގުޅުންތަކެއް އޮންނަ ގައުމެކެވެ. މިގުޅުންތައް އެންމެ ބޮޑަށް ބަދަހިވެފައިވަނީ ވަކިފަރާތަކަށް ނުޖެހޭ ހަރަކާތުގެ ތެރެއިންނެވެ.
img:http://s3.psmnews.mv/images/660x400/14678790330824.jpg|ޓެންޒޭނިއާ
ވަކިފަރާތަކަށް ނުޖެހޭ ގައުމުތަކުގެ ހަރަކާތް އުފެއްދެވި ބާނީންގެ ތެރޭގައި އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ޖޫލިޔަސް ނައިރޭރީއާއި އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ޖަވާހެރްލާލް ނެހްރޫ ހިމެނިވަޑައިގަންނަވައެވެ. މޯދީ ޓެންޒެނިޔާއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ރައީސް ޑރ. ޖޯން މަގުފުލީއާ އެކު މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޓެންޒެނިޔާއަށްފަހު މޯދީ ދެން ވަޑައިގަންނަވާނީ އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ކެންޔާއަށެވެ.
img:http://s3.psmnews.mv/images/660x400/14678792243512.jpg|ކެންޔާގެ ނައިރޯބީ
ކެންޔާއަކީވެސް އިންޑިޔާ ދަރިކޮޅުގެ މީހުންގެ ބޮޑު ކޮމިއުނިޓީއެއް އޮންނަ ގައުމެކެވެ. މީގެއިތުރުން ކެންޔާއަކީ އިންޑިޔާއާއެކު އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައްވެސް ބަދަހިކޮށްފައިވާ ގައުމެކެވެ. މޯދީގެ ދަތުރުފުޅުގައި ކެންޔާގެ ރައީސް އޮހޯރޯ ކެންޔާޓާ އާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.