ކުރީގެ ސޯވިއެޓް ޔުނިޔަންގައި ހިމެނުނު ގައުމެއް ކަމަށްވާ ޖޯޖިޔާގެ ސިފައިންގެ ލަޝްކަރުތައް ވަރުގަދަކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދީފިއެވެ.
ޖޯޖިޔާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ ޖޯޖިޔާގެ ދިފާއީ ބާރުތައް ވަރުގަދަކުރުމަށްޓަކައި އެޤައުމުގެ ސިފައިންނަށް އެމެރިކާގެ އަސްކަރީ އެހީތެރިކަމާއި މަދަދު ލިބޭނެކަމަށެވެ. ކެރީ މިހެން ވިދާޅުވީ ހުކުރުދުވަހު ޕޮލެންޑްގެ ވޯސޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ އިސްވެރިންގެ ސަމިޓްގެ ކުރިން ޖޯޖިޔާއަށް ކުރައްވާ ދަތުރުފުޅެއްގައެވެ.
ވޯސޯގައި ބާއްވާ ނޭޓޯގެ ސަމިޓް ގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ހަރަކާތްތެރިވާ އިދިކޮޅު ޖަމާއަތްތަކަށް ރަޝިޔާގެ އަސްކަރީ އެހީތެރިކަން ލިބޭ މައްސަލައާ ގުޅޭގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޖޯޖިޔާއިން ވަނީ އެގައުމުގެ ދެސަރަޙައްދު ކަމަށްވާ ދެކުނު އޮސީޓިޔާއާއި އަބްޚާޒިޔާ ގައި ހަރަކާތްތެރިވާ ވަކިވެ ގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީން ފޯރުކޮށްދެނީ ރަޝިޔާއިން ކަމަށް ތުހުމަތުކޮށްފައެވެ.