ޚަބަރު

ރައީސްގެ އެދިވަޑައިގަތުމަކަށް، ހެންވޭރު އަދި ހުޅުމާލެ ފެރީ ޓަރމިނަލް އާންމު ފެރީއަށް ހުޅުވާލަނީ


  • ހެންވޭރު އަދި ހުޅުމާލެ ފެރީ ޓަރމިނަލްމިހާތަނަށް ބޭނުންކުރަނީ ހަމައެކަނި އެމްޓީސީސީން

  • އެ ބަނދަރުތައް ޢާންމު ފެރީއަށް ހުޅުވާލައި، އެކަމަށް ޝައުގުފާޅުކުރަން ވަނީ އެދިފައި

ރަށްރަށުން މާލެއަށް ދަތުރުކުރާ ފަރާއްތަކަށް ލުއިފަސޭހަކުރުމަށް، ރައީސްގެ އެދިވަޑައިގަތުމަަކަށް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކަށް ހުޅުވާލުމަށް އެމްޓީސީށީން ނިންމައިފިއެވެ.

މާލެގެ ބަނދަރުތަކަކީ ދުވާލަކު އެތައް ސަތޭކަ އުޅަދުފަހަރެއް ބަނަދަރުކޮށް އަދި ފުރުމަށް ބޭނުންކުރާ ބަނދަރުތަކެވެ. އެ އުޅަނދުފަހަރުގައި މީހުން ފުރުވުމުގައި އަދި މާލެއަށް އައުމުގައި އޮތް އެންމެ ބޮޑު ދައްޗަކީ މާލޭގެ ބަނދަރުތަކުގެ ޖާގައިގެ ދަތިކަމެވެ. ލަފާފުރުމަށް މާލޭގެ ބަނދަރުތަކުގެ ތޮއްޖެހުމުގެ ސަބަބުން އުޅަނދުތަކުން މީހުން ބޭލުމަށްވެސް ވަރަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހެއެވެ. ވުމާއެކު ފެރީ ނުވަތަ ލޯންޗު އޮޕަރޭޓުކުރާ ފަރާތްތަކުގެ ކަންބޮޑުވުމަކަށް އެކަންވަނީ ވެފައެވެ.

ޚާއްޞަކޮށް ސުކޫލް ބަންދު ދުވަސްވަރު ނުވަތަ އަހަރުގެ ބޮޑު ޗުއްޓީފަދަ ދުވަސްވަރަކީ މާލޭގެ ބަދަރުތައް އިތުރަށް ތޮއްޖެހޭ ދުވަސްވަރެކެވެ. އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް އެކި ތަންތަނަށް ޒިޔާރަތްކުރަން ލިބޭ ފުރުޞަތުގައިވެސް ލޯންޗު އުޅަނދު ފަހަރު ގިނަވުމުގެ ސަބަބުން އެއްގަމު ތޮށިން ލޯންޗުތަކަށް ޖާގައެއް ނުލިބެއެވެ. ލޯންޗުތަކަށް ނުވަތަ ފެރީތަކަށް މީހުން އަރުވަނީ އެއް އުޅަނދުން އަނެއް އުޅަނދަށް އަރަމުންނެވެ.

މިކަމުގެ އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހޭ ފަރާތްތަކަކީ އުމުރުން ދުވަސް މީހުންނާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނެވެ. އެއީ އެމީހުންނަށް އެންމެ ރައްކާތެރިގޮތެއްވެސް ނޫނެވެ.

މި ހުރިހާ ދައްޗެއް ހުރުމާއެކު ސަރުކާރުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑަގަތުމަށް އެމްޓީސީސީން މިވަނީ ފެރީ އޮޕަރޭޓުކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ގެނެސްދީފައެވެ. އެގޮތުން ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން، މާލެއާއި އަތޮޅުތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. އެހެންކަމުން ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެމްޓީސީސީއަށް ހުށައެޅުމަށް އެކުންފުނިން ވަނީ އެދިފައެވެ.

"ވީމާ، ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރޗް 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކުންފުނީގެ ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް މެދުވެރިކޮށް ޝައުޤުވެރިކަން ހުށަހެޅުމަށް ދަންނަވަމެވެ. އީމެއިލް އެޑްރެސް: [email protected] / އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިކުންފުނީގެ ނަންބަރު 7978865 އަށް ގުޅުއްވުން އެދެމެވެ" އެމްޓީސީސީން ޢާންމުކުރި އިޢުލާނުގައިވެއެވެ.

މިއާއެކު ރައްރަށުން މާލެ އަންނަ ފަރާއްތަކަށް ފަސޭހަކަމާއެކު ލަފާ ފުރުމުގެ ކަންކަން ހަމަޖެހިގެންދާނެއެވެ. އަދި ފަޅު ތެރޭގައި އުޅަނދު ފަހަރު ތޮއްޖެހުން ކުޑަކުރެވިގެންދާނެެއެވެ.

ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު މީގެ ކުރިން ބޭނުންކުރަމުން އައީ އެމްޓީސީސީގެ އުޅަނދުތަކުން އެކަންޏެވެ.