ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ބޭރުގެ މާލީ އެޖެންސީއަކުން ނަގާފައި އޮތް 100 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސަރުކާރުގައި 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވަނީ މިފަދަ ލޯނުތައް ދޫކުރާ އެމެރިކާގެ އެޖެންސީއެއްކަމަަށްވާ ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިންނެވެ.
އެމްޑީޕީގެ ސަރުކާރުގައި 2022 ވަނަ އަހަރު ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިން 100 މިލިއަން ޑޮލަރުގެ މި ލޯނު ނަގާފައިވަނީ ބޮޑު މަޝްރޫއެއް ހިންގުމުގެ ބަދަލުގައި، ބަޖެޓްގެ ތާށިކަން ކުރިމަތިވެގެން ބަޖެޓް ސަޕޯޓުގެ ގޮތުގައެވެ.
މި ލޯނު ނަގާފައި ވަނީ 7.15 އިންޓަރެސްޓު ރޭޓުގައި، 3 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. އެހެންކަމުން 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކާ ނިންމިއިރު، އިތުރަށް 26 މިލިއަން ޑޮލަރު ވަނީ އިންޓްރެސްޓްގެ ގޮތުގައި ސަރުކާރުން ދައްކާފައެވެ.
ބޮޑު އިންޓަރެސްޓް ރޭޓެއްގައި ނިމިދިޔަ ސަރުކާރުގައި ނަގާފައި އޮތް މި ލޯނު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކާ ހަލާސްކޮށްފައި މިވަނީ މި ލޯނަށް މިއަހަރު ދައްކަންޖެހޭ ފައިސާ ސަރުކާރަަށް ނުދެއްކޭނެކަމަަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް މާލީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ލޯނުތައް އެއްބަސްވުންތަކާއި އެއްގޮތަށް ދައްކަމުންދާކަމަށެވެ. އަދި ރާއްޖެއިން ދައްކަންޖެހޭ ލޯނެއް ދެއްކުމުގައި މިހާތަނަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާކަންވެސް މާލީ ވުޒާރާއިން ފާހަގަކުރައްވައެވެ.
ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިން ނެގި 1.5 ބިލިއަން ރުފިޔާގެ އިތުރުންވެސް ނިމިދިޔަ ސަރުކާރުގައި ވަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގުމުގެ ނަމުގައި އެތައް ބިލިޔަން ރުފިޔާއެއްގެ ލޯނު ނަގާފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ މަޝްރޫއުތައް ނިމިފައި ނުވާއިރު، ބައެއް މަޝްރޫއުތައް ހުރީ މަޑުޖެހިފައެވެ.
ބޭރުން ނަގާފައިވާ ދަރަނީގެ އިތުރުން އެކި މަޝްރޫއުތައް ހިންގާފައިވާ ރާއްޖޭގެ ކުންފުނިތަކަށް ދޭންޖެހޭ އެތައް ބިލިޔަން ރުފިޔާއެއްވެސް ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުނުއިރު އޮތީ ނުދައްކާކަން މާލީ ވުޒާރާއިން ފާހަގަކުރައްވައެވެ. އެހެންކަމުން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ބޭރުގެ ދަރަނި މެނޭޖުކުރުމުގެ އިތުރުން، ދިވެހި ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާވެސް ދަނީ ދޫކުރައްވަމުންނެވެ.
ނިމިދިޔަ ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް މާލީގޮތުން ދަތިތައް ކުރިމަތިވެފައި އޮތްނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރައްވައި، އިގްތިސާދު އަލުން ހަމަ މަގަށް އަޅުއްވާފައެވެ. މިއާއެކު މިއަހަރު ވެގެންދާނީ އިގްތިޞާދީގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށްވެސް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދޭނެ އަހަރަކަށްކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.