ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ކޮންސެޕްޓް ތަޢާރަފުކޮށް ނ. ކެނދިކުޅުދޫން ފަތުރުވެރިކަމަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ނިންމަފިއެވެ. އެގޮތުން މިހާރު ވަނީ ބިންދޫކުރުމުގެ އުސޫލަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލައިފައެވެ.
ލޯކަލް ޓުއަރިޒަމަށް ކެނދިކުޅުދޫ ފައްކާކުރުމުގެ ގޮތުން ކެނދިކުޅުދޫ ބްރޭންޑިންގ "ދި މެންގްރޫވް އައިލެންޑް"ގެ ނަމުގައި ރަށް ޕްރޮމޯޓް ކޮށް މާކެޓްކުރަން ރަށު ކައުންސިލުން ވަނީ ފަށާފައެވެ.
ކެނދިކުޅުދޫ ކައުންސިލުން ވިދާޅުވީ ކެނދިކުޅުދޫގެ ޒުވާން ވިޔަފާރިވެރިންނާއި، އަލަށް ވިޔަފާރީގެ ތެރެއަށް ވަނުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ކޮންސެޕްޓް ތަޢާރަފުކޮށް އެއުސޫލުން ބިން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެ އުސޫލު އެކަށައަޅާ އާންމު ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާފައިވާކަމަށް ވިދާޅުވިއެވެ.
ކެނދިކުޅުދޫ ކައުންސިލުން ވިދާޅުވީ ބިން ހޯދުމަށް އެދި ހުށަހަޅަންވާނީ ކައުންސިލުން ބީލަމުގެ އުސޫލުން ބިން ދޫކުރުމަށް އިއުލާންކުރުމުން އިއުލާންގައި ބަޔާންކޮށްފައިވާ ގޮތަކަށެވެ. އަދި ބިން ކުއްޔަށް ހިފާ މީހަކީ ކެނދިކުޅުދޫ ރަށްވެއްސެއްކަމުގައިވުމާއި ކެނދިކުޅުދޫގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީއެއް ނުވަތަ ކެނދިކުޅުދޫ ރަށްވެއްސަކު އެ ވިޔަފާރީއެއްގެ 50 އިންސައްތަށްވުރެން މަދުނޫން އަދަދަކަށް ރައުސުމާލުގައި ހިއްސާވާ ވިޔަފާރީއެއް ކަމުގައިވާންޖެހޭނެކަމަށް ކައުންސިލުން ވިދާޅުވިއެވެ.
އެގޮތުން ދޫކުރާ ބިމުގެ ބޮޑުމިނަކީ ކޮންމެ ބިމެއްގައި 1200 އަކަ ފޫޓެވެ. އަދި އެގޮތަށް ދޫކުރާ ބިންތަކުގެ ކުރިމަތީގައި ބަފަރ ޒޯނެއްގެ ގޮތުގައި 300 އަކަފޫޓުގެ ގްރީން އޭރިއާ، ދެމެހެއްޓެނެވި ރުއްގަސް އާލާ ކުރެވޭނެހެން ރައްކާތެރި ގޮތުގައި ބަލަންވާނެ ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.
ކެނދިކުޅުދޫއަށް މިހާރު ވަނީ ޓުއަރިސްޓުންނަށް ހޯމްސްޓޭ ކުރުމުގެ ހުއްދަ ލިބިފައިއެވެ. އަދި އެރަށުގައި ލަގްޒަރީ ގެސްޓް ވިލާތަކެއް އަޅައި ހިންގުމަށްވެސް ވަނީ ހަވާލުކޮށްފައިވާކަމަށެވެ. މީގެ އިތުރުން އެރަށުގައި ތަރައްޤީކުރާ ސިޓީ ހޮޓަލުގެ ބައެއް މަސައްކަތް ނިންމާ މި އަހަރު ހުޅުވަން ދަނީ ތައްޔާރުވަމުންނެއެވެ.
ގުދުރަތީގޮތުން މުއްސަނދިކަމެއް ލިބިފައިވާ ކެނދިކުޅުދޫއަކީ ހިތްގައިމު ރަށެކެވެ. މުޅި ރަށަށް ލިބިގެންވާ އެންމެ ޚާއްސަ އެއް ސިފައަކީ ގިނަ ކުޅިތަކެއް ހިމެނުމެވެ. މިއީ ރާއްޖޭގެ ނިސްބަތުންވެސް ވަރަށް މަދު ރަށަކުން ނޫނީ ނުފެންނަ ސިފައެކެވެ.
ގާތްގަނޑަކަށް 207 ހެކްޓަރުގެ މި ރަށުގައި ގުދުރަތީގޮތުން އުފެދިފައިވާ 9 ކުޅި އެބައޮތެވެ. މީގެ ތެރޭގައި 400 ފޫޓުން ފެށިގެން 3000 ފޫޓާއި ދެމެދުގެ ދިގުމިންހުރި 3 ކުޅިއެއް ހިމެނެއެވެ. މި ކުޅިތަކުގައި ކަނޑޫފަލާއި، އާއްމުކޮށް ނުފެންނަ ގިނަ ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެކި ބާވަތުގެ ގަސްގަހާގެހި ހިމެނެއެވެ.