ޚަބަރު

ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރަކާއި ދުވާފަރުގައި ދަނާލެއް ތަރައްޤީކުރަން ބަޔަކާ ޙަވާލުކޮށްފި


  • ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރު އެޅުމަށް ޙަވާލުކުރީ އާރްޑީސީއާ

  • ދުވާފަރުގައި ދަނާލުގެ މަސައްކަތްކުރުމަށް ޙަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާ

އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ކުޅުދުއްފުށި ސިޓީގައި ޓިވެޓް ސެންޓަރަކާއި ރ. ދުވާފަރުގައި ދަރިވަރުންގެ ދަނާލެއް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެވެ. އަދި ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާއިމުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން ޙަވާލުކުރެވުނު މަސައްކަތްތަކެއްކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކުޅުދުއްފުށީގައާއި ދުވާފަރުގައި ދަނާލަކާއެކު ތަރައްޤީ ކުރެވޭ ކިޔަވައިދިނުމުގެ ވަޞީލަތްތަކާއެކު، ޓެކްނިކަލް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު ލެވެލްގެ ކޯސްތައް ހިންގުމަށް މަގުފަހިވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެއްގެގޮތުގައި މަތީ ތަޢުލީމާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ކުޅުދުއްފުށި ސިޓީގައި ބިނާ ކުރާ އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 35،777.88 އަކަފޫޓްގެ ޖާގައިގައެވެ. މި އިންސްޓިޓިއުޓްގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެއެވެ.

ހަމައެހެންމެ ދަރިވަރުންނަށް އެރަށުގައި ފަސޭހަކަމާއެކު ގާއިމުވެ ތިބެވޭނޭ ދަނާލެއްވެސް ހުންނާނެއެވެ. މިތަނުގައި ޝެއަރިންގ 32 ރޫމް ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމެއްވެސް ހުންނާނެއެވެ. އަދި މީގެ އިތުރުން ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން ހިމެނިފައިވާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ

ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު އެކަމަޑޭޝަން ޚިދުމަތްތައް ބިނާ ކުރުމަށް 15،000 އަކަފޫޓްގެ ބިމެއް ހަމަޖެހިފައެވެ. މިތަނުގައި ޝެއަރިންގ 31 ރޫމް ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫއުތަކަކީ، މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިތުރުކޮށް ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މި ޕްރޮޖެކްޓުގެ އިތުރުން މިހާރުވެސް ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖަކާއި، ރ.އަލިފުށީގައި ޓިވެޓް ސެންޓަރަކާއި، ނ.ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ދިވެހިންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަކީ މިސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު ކުޅުދުއްފުށީގައާއި ދުވާފަރުގައި މި ގާއިމު ކުރެވޭ ކިޔަވައިދިނުމުގެ ވަޞީލަތްތަކާއި ދަރިވަރުންގެ ދަނާލުތަކުގެ ސަބަބުން މަތީ ތަޢުލީމުގެ ފުރުޞަތުތައް އުނގެނުމަށް ހުރި ގޮންޖެހުންތައް މަދުވެ، މިހާރަށްވުރެ ގިނަ ގޮތްގޮތުން ފަސޭހަވެގެން ދާނެއެވެ.