ޚަބަރު

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު!


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ބޮޑު ސަރަހަށްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އަންގާރަ، ބުދަ މި ދެދުވަހުވެސް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.

މިއަދު ހަވީރުން ފެށިގެން އެކި ސަރަހައްދުތަކަށް ވިއްސާރަކުރަމުންދާއިރު، ދާދި ދެންމެއަކު މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާހަމައަށް ރީނދޫ ސަމާލުނެރެފައެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ސަމާލު ނެރެފައިވަނި ހެނދުނު 06:30އާ ހަމައަށެވެ.

ރާއްޖެއަށް މިކުރާ ވިއްސާރައަކީ، ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އެކިހިިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާައި 6 ފޫޓާ ދެމެދުކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އެދިފައެވެ.