ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަލުން އެކުލަވާލެއްވި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރުގައެވެ.
މިއާއެކު 2010ގައި އެކަށައަޅާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރާއި އެޤަރާރަށް ގެނެސްފައިވާ އިޞްލާޙުތައްވަނީ އުވާލައްވާފައެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލައްވައި ކަނޑައެޅުއްވުމާއި ގުޅިގެން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާ (ޕަބްލިކޭޝަން) ތަކާއި، މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ބަސްދާރު (ޑޭޓާބޭސް) ތަކާއި، ވެބްސައިޓްތަކާއި، މީސްމީޑިއާގެ ވަސީލަތްތަކުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ނަންތަކާއި އެ ރަށްތައް ނިސްބަތްވާ އަތޮޅުތަކުގެ ނަންތަކާއި އެ އަތޮޅުތަކަށް ދީފައިވާ އިދާރީ ކޯޑުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ބޭނުންކުރަންވާނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން ޤަރާރުގައި ކަނޑައަޅާފައިވާގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.