ޚަބަރު

ޕީސީބީގެ ރައީސަކަށް އަނަސް


  • ޕީސީބީގެ ރައީސްކަމަށް އަނަސް އައްޔަންކުރެއްވީ މިއަދު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް، މުޙައްމަދު އަނަސް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މިއަދުއެވެ.

ޕީސީބީއަށް ރައީސަކު އައްޔަންކޮށްފައި މިވަނީ އެމަގާމުގައި ހުރި ހަމްދީ އަގީލް މިދިޔަ ފެބުރުއަރީ މަހުގެ 13ވަނަ ދުވަހު އެ މަގާމު ވަކިކުރެއްވުމުންނެވެ.

މުޙައްމަދު އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމު ހިމެނެއެވެ.