ހ. ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި އަމިއްލަ ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލަން ހުއްދަ ދީ، އެ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލުކޮށްފިއެވެ.
ހެންވޭރު ގެއެއްގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.
މިއޮޕަރޭޝަނުގައި އެތަނުން ގިނަ އަދަދެއްގެ ކާޑްބޯޑު ފޮށިގަނޑުތަކެއް ފުލުހުން ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން ކާޑްބޯޑު 103 ފޮށިގަނޑު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ދުންފަތް ހުރި ފޮށިތައްވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެމަސައްކަތް ކުރި ކުންފުނީގެ ވިޔަފާރި ހުއްދަ އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބާތިލްކޮށްފައިވާކަމަށެވެ. އަދި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ސިއްޙަތާ ބެހޭ ވުޒާރާއިން ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި އުފެއްދުމަކީ މަނާ ކަމެކެވެ. އަދި ދުންފަތް އިސްތިހާރުކުރުމަކީވެސް މަނާކަމެކެވެ. އަދި ދުންފަތުގެ ބާވަތްތަކުގެ ތެރެއިން ސިނގިރޭޓް ރާއްޖޭގައި ވިއްކޭނީ ވަކި ޚާއްސަ ހުއްދައެއް ނަގައިގެން ޚާއްސަ ލޭބަލެއް އޭގައި ޖަހައިގެންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް މިދިޔަ އަހަރު ގެނެވުނު އިސްލާހުގައި ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުމަކީ ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުމާއި އެތެރެކުރުމަކީ މަނާ ކަމެކެވެ.