މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށްދާނެކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ މާލޭގައި ގޮވާމުން ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލްގައިކަމަށެވެ.
މިއަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ޒަކާތް ބަލައިގަތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ކުރިއަށްގެންދަވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް އިސްކަންދަރު ސްކޫލްގައެވެ. އެގޮތުން މިރަމަޟާން މަހު އެބަޔަކު ކައިބޮއި ހެދުމަށް ބޭނުންކުރި ހަނޑޫ ނުވަތަ ފުށުން ޒަކާތް ދެއްކުންވަނީ ކުރިއަށްގެންދަވާފައެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ. މިގޮތުން މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޒަކާތް ބެހުމުގެ މަސައްކަތް ހުކުރު ދުވަހު ކުރިއަށްދާނީ މެންދުރު ފަހު 14:00 އިން ހަވީރު 16:30 އަށެވެ. އަދި ރޭގަނޑު 21:30 އިން 23:00 އަށެވެ. ހޮނިހިރު ދުވަހު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރުފަހު 13:00 އިން 15:00 އަށް އަދި ހަވީރު 16:00 އިން 17:00 އަށްކަމަށް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.
މިއަހަރުގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ ވިދާޅުވެފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ބަލައި ގަންނަން ފަށާފައިވާއިރު އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮތީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއިހަމައަށް ހުޅުވާލާފައެވެ. ފިޠުރު ޒަކާތް ދައްކަންޖެހެނީ ފިޠުރު ޢީދަށް ދިޔުމުގެ ކުރިންނެވެ.
ފިޠުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.