ކުޅިވަރު

ތަފާތުކުރުން ނައްތާލާ ޓާސްކް ފޯސް ލީޑުކުރުން ރޮނާލްޑޯއަށް


ދެކުނު އެމެރިކާގެ ފުޓްބޯޅައިން ނަސްލީ ތަފާތުކުރުން ނައްތާލުމަށް އެކުލެވާލި ޓާސްކް ފޯހުގެ އެންމެ އިސް މީހަކަށް ބްރެޒިލްގެ ރޮނާލްޑޯ ހަމަޖައްސައިފިއެވެ.

މި ޓާސްކް ފޯހުގެ ބޭނުމަކީ ދެކުނު އެމެރިކާގެ ފުޓްބޯޅައިން ނަސްލީ ގޮތުން ތަފާތު ކުރުން ނައްތާލުމާއި، ދެ ޖިންސުގެ ހަމަހަމަކަމާއި ހަމަނުޖެހުންތައް މަދުކުރުމާއި އެނޫން ވެސް ތަފާތު ކުރުންތައް ނައްތާލަން މަސައްކަތް ކުރުމެވެ.

"މިއީ މިކަންކަމާ ބެހޭ ޕޮލިސީތައް އެކުލަވާލުމާއި އެކަންކަން ތަންފީޒު ކުރާނެ ގޮތް ރޭވުމާއި މުޅި ދެކުނު އެމެރިކާއިން މިފަދަ ތަފާތު ކުރުންތައް ނައްތާލުމަށް ކަންކަން ރާވައި ތަންފިޒު ކުރާނެ ގޮތުގެ ޕްލޭންތައް އެކުލަވާލާ ޕެނަލެއް،" ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

އުމުރުން 48 އަހަރުގެ ރޮނާލްޑޯ އަކީ ދެކުނު އެމެރިކާގައި އުފެދުނު އެންމެ އަލިގަދަ އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އަދި ދެ ފަހަރު ވޯލްޑްކަޕް ކާމިޔާބު ކުރި މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ 1994 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ތަށި ބްރެޒިލަށް ހޯދައިދީފަ އެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައިސް އަލެހަންދްރޯ ޑޮމިންގުއޭޒް ވިދާޅުވީ މި ޓާސްކް ފޯސް ކާމިޔާބު ކަމާއެކު ހިންގުމަށް ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންނާއި ސަރުކާރުގެ ލީޑަރުންނާއި ފުޓްބޯޅައިގެ އެކި ފަރާތްތައް ބައިވެރިކުރާނެ ކަމަށެވެ.

ބޭނުމަކީ ދެކުނު އެމެރިކާ އަކީ ހަމަހަމަކަން ކަށްވަރުކޮށްދޭ ފުޓްބޯޅައިގެ މާހައުލެއް އޮތް ތަނަކަށް ހެދުން ކަމަށެވެ.

މިވަގުތު ދެކުނު އެމެރިކާ އަކީ ފުޓްބޯޅައިގައި ހާއްސަކޮށް ނަސްލީ އިމްތިޔާޒް ބޮޑު ތަނެކެވެ. ހާއްސަކޮށް މި ބައްރުގެ ކުޅުންތެރިންނަށް ޔޫރަޕުގައި ގަނާކުރުމުގެ ކަންކަން ވަރަށް ގިނައިން ކުރިމަތިވެ އެވެ. ހާއްސަކޮށް ދެކުނު އެމެރިކާގެ ކަޅު ނަސްލުގެ ކުޅުންތެރިންނާ ދިމާކުރުން ވަރަށް ބޮޑެވެ. ނަމަވެސް ރޮނާލްޑޯ އަކީ މުޅި ދުނިޔޭގެ އިހްތިރާމާއި ލޯބި ލިބިފައިވާ ކުޅުންތެރިއެކެވެ.