ޚަބަރު

އެމެރިކާގެ ނިރުބަވެރި ޙަމަލާތަކުގައި ޔަމަނުން ޝަހީދުކޮށްލި މީހުންގެ އަދަދު 57އަށް


ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާގެ އަސްކަރިއްޔާއިން އެ ޤައުމަަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 57އަށް އުފުލިއްޖެއެވެ. މާރިޗު 28ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔަމަންގެ 40 ސަރަޙައްދަކަށް ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެ ޙަމަލާތަކުގައި ހަތް މީހަކު ޒަޚަމު ކޮށްލާފައިވާ ކަން ޙޫޘީން ވަނީ ކަށަވަރު ކޮށްދީފައެވެ.

އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްގެން އެމެރިކާއިން މެދުކެނޑުމެއްް ނެތް ޙަމަލާތައް އަމާޒު ކުރަމުންދާ ރަށްތަކުގައި ތެރޭގައި ޔަމަންގެ ވެރިރަށް ޞަންޢާގެ އިތުރުން ޞަޢަދާއާއި، މައުރިބާއި، އަލް-ޖަވްފުގެ އިތުރުން ޙުދަޔިދާ ހިމެނެއެވެ. ޞަންޢާގައި އޮތް ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ވެސް އެމެރިކާއިން ވަނީ ނުރައްކާތެރި ޙަމަަލާތަކެއް ދީފައެވެ. އެއީ، ޢާންމުން ވެސް ބޭނުން ކުރާ ވައިގެ ބަނދަރެކެވެ.

ޙޫޘީންނާ ގުޅުން އޮތް ޔަމަންގެ އަލް-މަޞީރާ ޓީވީން ބުނީ، ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ހަތް މީހުން ޒަޚަމު ކޮށްލާފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. ނަމަވެސް، އެއީ ޙޫޘީ ޖަމާޢަތުގެ މެންބަރުން ކަން، ނުވަތަ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަން ސާފެއް ނޫނެވެ.

ސެންޓްކޮމަށް ޓްރަމްޕް އިތުރު ބާރުތަކެއް ދެއްވުން

އެމެރިކާގެ އަސްކަރިއްޔާއިން ޔަމަންގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް މި ވަގުތު ދަނީ އިތުރުކޮށް ފުޅާ ކުރަމުންނެވެ. މިއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ދެމުންދާ ޙަމަލާތަކެކެވެ. ވައިޓް ހައުސްގެ އިތުރު ހުއްދައަކާ ނުލައި ޔަމަނަށް އަމާޒުކޮށް އިތުރު ޙަމަލާތައް ދިނުމުގެ ބާރު، އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމަ)ށް ޓްރަމްޕް ވަނީ ދެއްވާފައެވެ. ސެންޓްކޮމަކީ މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާއި އަސްކަރީ މަރުކަޒުތަކުގެ ބެލެނިވެރި އިދާރާއެވެ.

ޓްރަމްޕްގެ އަމުރަށް އެމެރިކާއިން ޔަމަނަށް ބޮންއަޅަމުން މި ދަނީ ޔަހޫދީންގެ ޙިމާޔަތުގައެވެ. މިއީ، ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރާ ދެކޮޅަށް ޙޫޘީން ފަށާފައިވާ އަސްކަރީ ހަރަކާތް ހުއްޓުވުމުގެ ނަމުގައި ދެމުންދާ ޢުދުވާނީ ޙަމަލާތަކެކެވެ. ރަތް ކަނޑުގައި ޙޫޘީންގެ އަސްކަރީ އޮޕަރޭޝަނެއް ހިންގަން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރުގެ ތެރެއިން ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާއި ގުޅުން އޮތް އާގުބޯޓުފަހަރާއި، ޒަޔަނިސްޓުންގެ އިސްރާއީލަށް މުދާ ގެންދާ އުޅަނދުފަހަރަށް ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. މީގެ އިތުރުން، ޔަމަނާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތުން އަސްކަރީ ކެމްޕޭނެއް ފެށުމާ އެކު، އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކާއި، އެ ޤައުމުތަކާ ގުޅުން އޮތް އާގުބޯޓުފަހަރަށް ވެސް ޙޫޘީން ވަނީ ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.

ޙޫޘީންގެ ބޭނުމަކީ ޣައްޒާ ޢުދުވާން ހުއްޓުވުން

ޙޫޘީންގެ އަސްކަރީ އޮޕަރޭޝަންގެ ދަށުން 100އަށްވުރެ ގިނަ އުޅަނދަށް ޙަމަލާތައް އަމާޒުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ އުޅަނދު ވަނީ ފައްތައިލާފައެވެ. އަދި، އިތުރު އުޅަނދަކަށް ވަނީ އަތްގަދަ ކޮށްފައެވެ. މީގެ އިތުރުން، ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ވެސް ޙޫޘީން ދަނީ ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތަކުގައި ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ފަދަ ނުރައްކާތެރި ހަތިޔާރުތައް ދަނީ ބޭނުން ކުރަމުންނެވެ. އެ ޙަމަލާތަކުގައި ޔަހޫދީންގެ ތެރެއިން އެކަކު މަރައިލާފައިވެއެވެ. އަދި، އުމްރާނީ ވަސީލަތްތައް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އެމެރިކާއިން ޔަމަންގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ނިރުބަވެރި ޙަމަލާތަކާ މެދު އދއިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ހާންސް ގްރުންދްބައިގް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދަހަރަކަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ޔަމަންގެ އަހުލީހަނގުރާމައާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތުން އެ މީހުން ސަލާމަތް ކުރުމަށް ސުލްޙަ އިސްކުރަން ޖެހޭ ކަމުގައެވެ.

ޔަމަންގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރުމަކީ ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމެއް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ. "ޔަމަނާ ދެކޮޅަށް ބޮޑު ހަނގުރާމައެއް އަލުން ފެށުމީ އެއްވެސް މީހަކަށް ފައިދާ ކުރުވަނިވި ކަމެއް ނޫން، އެ ކަން ހުއްޓުވަން ޖެހޭ،" އޭނާ ވިދާޅުވިއެވެ. މި ކަމަށް ޙައްލު ހޯދޭނީ މަޝްވަރާ ކޮށްގެން ކަމުގައި ވެސް ގްރުންދްބައިގް ވިދާޅުވިއެވެ. "ސުލްޙަ ޤާއިމުކޮށް، ޔަމަންގެ ރައްޔިތުންނަށް ޓަކައި ސުލްޙަ ދެމެހެއްޓުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިންމު،" އޭނާ ވިދާޅުވިއެވެ.