ޚަބަރު

"ފަގީރުންނަށް ފިޠުރު ޒަކާތް ޖަމާކޮށްފި، ޣައްޒާގެ ކުޑަކުދިންނަށް ފަސް ލައްކަ ރުފިޔާ ހަދިޔާކުރާނެ"


  • ގޮވާމުން ކޮންމެ މީހަކަށް 15 ކިލޯ ބަހާނެ

  • މިއީ އެއް ހަމައަކުން ޒަކާތް ބަހާ ފުރަތަމަ ފަހަރު

ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ޖަމާކޮށްފިއެވެ. މިކަން ހާމަކުރެއްވީ މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

ވަޒީރު ވިދާޅުވީ ފަގީރުންގެ ދަފުތަރުފައިވާ ކޮންމެ ފަރުދަކަށް 4500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި 500،000 ރުފިޔާ ފަލަޞްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ މީހަކަށް ގޮވާމުން 15 ކިލޯ ބަހާނެ ކަމަށެވެ.

ސަރުކާރުން ވަނީ މިއަހަރު ފުރަތަމަ ފަހަރަށް ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ އެންމެނަށް، އެއްހަމަޔަކުން ފިޠުރު ޒަކާތް ބަހަން ނިންމަވާފައެވެ. މިބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއްކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މީގެ ކުރިން ފިޠުރު ޒަކާތް ބަހަނީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށެއްގެ ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ބަހާގޮތަށެވެ. އެގޮތަށް ފިޠުރު ޒަކާތް ބަހުމުން ބައެއް ރަށް ރަށުގައި ފަޤީރުންނަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބެނީ ވަރަށް މަދު މިންވަރެއްކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް ސަރުކާރުން މި ގެންނެވި ބަދާލާއެއްގޮތަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ އެންމެނަށް އެއް ހަމައަކުން ފިޠުރު ޒަކާތް ބަހަން ފެށުމުން މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި ފިޠުރު ޒަކާތް ބެހޭނެއެވެ.

ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ.

ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.