އެމެރިކާއިން ބޭނުންވާ ގޮތަށް އަމަލު ކުރުމަށް އީރާނުން އިންކާރު ކުރަމުންދާ ނަމަ، އެ ޤައުމަށް ޙަމަލާ ދޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އިންޒާރު ދެއްވައިފިއެވެ. އެމެރިކާގެ މީޑިޔާ، އެންބީސީ ނިއުސަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން ދެކޮޅު ހަދަމުންދާ ނަމަ އެ ޤައުމަށް ބޮން އަޅަން ފަށާނެ ކަމުގައެވެ. އަދި، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވާނެ ކަމުގައެވެ.
އޭނާ އީރާނަށް އިންޒާރު ދެއްވާފައި މި ވަނީ، އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން އިންކާރު ކުރުމާ ގުޅިގެންނެވެ. ނަމަވެސް، ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި މިހާރު ވެސް މަޝްވަރާތައް ކުރަމުންދާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. "އެ މީހުން [އީރާނުން] އެއްބަސްވުމެއް އެކުލަވައިލުމަށް އިންކާރުކޮށްފި ނަމަ، ދެން އޮންނާނީ ބޮންއެޅުން،" އީރާނަށް އިންޒާރު ދެއްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
"އެއީ ކުރިން ފެނިފައި ނުވާ ފަދަ ބޮން އެޅުމަކަށް [ޙަމަލާތަކަކަށް] ވެގެންދާނެ. އެ މީހުން [އީރާނުން] އެއްބަސްވުމަކަށް އިންކާރު ކުރަމުންދާ ނަމަ، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާ ނަން، މީގެ ހަތަރު އަހަރު ކުރިން [ޓްރަމްޕްގެ ފުރަތަމަ ދައުރުގައި] އަމަލު ކޮށްފައިވާ ގޮތަށް،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓްރޯލު ކުރުމަކީ ޓްރަމްޕްގެ އަމާޒެކެވެ. އެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތައް ބޭއްވުމަށް ހުށަހަޅުއްވައި، ޓްރަމްޕް ވަނީ އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީއަށް ސިޓީއެއް ފޮނުއްވާފައެވެ. އޮމާން މެދުވެރިކޮށް، އީރާނުން ވަނީ ޓްރަމްޕްގެ ސިޓީއަށް ރައްދު ދީފައެވެ.
އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަކީ އީރާނުގެ ސިޔާސަތު ނޫން ކަމުގައި އެ ޤައުމުން ދިން ރައްދުގައި ބުނެފައިވެއެވެ. ސަބަބަކީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއި، އެ ޤައުމަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރުތައް ކަމުގައި ވެސް އީރާނުން ބުންޏެވެ. އަދި، އެމެރިކާއާ އެކު މަޝްވަރާތަކުގައި ބައިވެރި ވާނީ އެ ހާލަތު ބަދަލު ކުރުމުން ކަމުގައި ވެސް އީރާނުން ހާމަކުރިއެވެ.
މާރިޗު 30ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަނީ މި ސިޔާސަތު ތަކުރާރު ކުރައްވާފައެވެ. "[އެމެރިކާއާ އެކު] ސީދާ މަޝްވަރާތައް ބޭއްވުމަށް ވާނީ އިންކާރު ކޮށްފައި، ނަމަވެސް [މެދުވެރިން ބައިވެރިކޮށް] ނުސީދާކޮށް ބާއްވަމުންދާ މަޝްވަރާތަކުގައި އީރާނުން ދަނީ އަބަދު ވެސް ބައިވެރިވަމުން، އަދި މިހާރު، ރޫހީ އެންމެ މަތީ ވެރިޔާ [ޚާމަނާޢީ] ވަނީ ނުސީދާކޮށް މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަން ފާހަގަ ކުރައްވާފައި،" އޭނާ ވިދާޅުވިއެވެ.
އެންބީސީއާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ އުފެއްދުންތައް ގަންނަ ޤައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ މެދު ވެސް އެމެރިކާއިން ވިސްނަމުންދާ ކަމުގައެވެ. މީގެ އިތުރުން ރަޝިޔާއިން މުދާ އެތެރެ ކުރާ ޤައުމުތަކާ މެދު އެ ފަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގައި ވިދާޅުވެ ވެސް، އޭނާ ވަނީ އިންޒާރު ދެއްވާފައެވެ. ވެނެޒުއެލާއިން އުފައްދާ ތެޔޮ ގަންނަ ޤައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ދާދި ފަހުން ޓްރަމްޕް ވަނީ އަމުރު ކުރައްވާފައެވެ.
މާރިޗު 30ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް ދެކޮޅު ހަދައި، އެއްބަސްވުމެއް އެކުލަވައިލުމަށް އީރާނުން އިންކާރު ކުރަމުންދާ ނަމަ، އެ ޤައުމުން އުފައްދާ މުދާ ގަންނަ ޤައުމުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމާ މެދު ގޮތެއް ނިންމަވާނެ ކަމުގައެވެ. "އެ ކަމާ މެެދު ގޮތެއް ނިންމުމަށް އަޅުގަނޑުމެން [އީރާނަށް] ވަގުތު ދޭނަން، ނަމަވެސް ކުރިއެރުމެއް ނުފެނިއްޖެ ނަމަ، ފިޔަވަޅު އަޅަން ފަށާނަން. މި ވަގުތު އެ ކަން ކުރަން ފަށާފައެއް ނުވޭ. ހަނދުމަ ހުރި ނަމަ، ކުރިން ވެސް، މީގެ ހަ އަހަރު ކުރިން، އަޅުގަނޑުމެން ވާނީ އެ ގޮތަށް އަމަލުކޮށްފައި، އެ ކަން ވަރަށް ކާމިޔާބު،" އޭނާ ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމުން 2015ވަނަ އަހަރު ވަނީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކާ އެކު އެއްބަސްވުމެއް އެކުލަވައިލާފައެވެ. ނަމަވެސް، އެމެރިކާއިން އެ އެއްބަސްވުމާ ޚިލާފުވެ، އަމަލު ކުރުން ހުއްޓައިލާފައި ވަނީ 2018ވަނަ އަހަރުއެވެ. އެއީ، ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. އެއަށްފަހު، ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
އެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ނިއުކްލިޔަރ ޕުރޮގުމާރުގެ ދަށުން ޔުރޭނިއަމް މުއްސަނދި ކުރުމަށް ކުރަމުން ދިޔަ މަސައްކަތްތައް އެތަކެއް ގުނައަކަށް ފުޅާ ކޮށްފައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކާއި ޒަޔަނިސްޓު އިސްރާއީލުން ޤަބޫލު ކުރާ ގޮތުގައި، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ މައިގަނޑު އަމާޒަކީ ނިއުކްލިޔަރ ބޮމެއް ހަތިޔާރު އުފެއްދުމެވެ. ނަމަވެސް، އީރާނުން މި ތުހުމަތުތައް ދޮގު ކުރެއެވެ. އިސްލާމީ ޤައުމަކުން ނިއުކްލިޔަރ ހަތިޔާރު އުފައްދައި، ނިއުކްލިޔަރ ބާރަކަށް ވުމަކީ އެމެރިކާ އަދި ޔަހޫދީންނަށް ހަޖަމު ކުރެވޭނެ ކަމެއް ނޫނެވެ.