ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމެއް ކަމުގައިވާ މިޔަންމާއަށް މާރިޗު 28ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ޤައުމަށް ކާރިސާއެއް ކުރިމަތިވެފައިވީ ނަމަވެސް ސަރުކާރާ ދެކޮޅު ފަރާތްތަކާއި މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ދެމުންދާ ޙަމަލާތައް މެދުކަނޑައިލާފައި ނުވާ ކަން ހާމަވެއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާޢަތެއް ކަމުގައިވާ ކަޔީން ނޭޝަނަލް ޔޫނިއަން (ކޭއެންޔޫ)އާއި އިންސާނީ އެހީދޭ ޖަމުޢިއްޔާތަކުންނެވެ.
ރިކްޓަރ މިންގަނޑުން 7.7ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ ގުޅިގެން ވެއްޓުުނު އިމާރާތްތަކުގެ ދަށުވެ، މަރުވި މީހުންގެ އަދަދު ވަނީ 1,700އަަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ޒަޚަމުވެފައިވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ތައިލެންޑްގެ ވެރިރަށް ބެންގކޮކާއި ޗައިނާގެ ޔުންނާން ޕުރޮވިންސަށް ވެސް ލޮޅުންތަކުގެ އަސަރު ކޮށްފައިވާ ބިންހެލުމުގައި މިޔަންމާއިން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ މެދުތެރޭގައި އޮތް މަންދަލީއާއި ނީޕީޓޯއަށެވެ.
ބިންހެލުމުގައި އެ ސަރަޙައްދުތަކުން ގިނަ އަދަދެއްގެ އިމާރާތްތަކަށް ގެއްލުންވެ، ބައެއް އިމާރާތްތައް ވެއްޓިފައިވާއިރު، އޭގެ ތެރޭގައި ޢާންމުންގެ ގެދޮރާއި، މިސްކިތްތަކާއި، ފައްޅިތަކާއި، ހަސްފަތާލު ފަދަ އިމާރާތްތައް ހިމެނެއެވެ. މީގެ އިތުރުން، މަގުތަކާއި ޢުމްރަނީ އެހެން ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އެތަކެއް ސަތޭކަ ބަޔަކު ހޯދައި، ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ އަސްކަރީ ސަރުކާރުން ބުންޏެވެ. އެ ކަމުގައި އެހީތެރި ކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުން ވެސް ވަނީ ޓީމުތައް ފޮނުވާފައެވެ.
ކޭއެންޔޫން ބުނީ، ބިންހެލުމާ ގުޅިގެން މިޔަންމާއަށް ނުރައްކާތެރި ކާރިސާއެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެސް، ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އެ ޤައުމުގެ އަސްކަރިއްޔާއިން ދެމުންދާ ނުރައްކާތެރި ޙަމަލާތައް މެދުކަނޑައިލާފައި ނުވާ ކަމުގައެވެ. މި ގޮތުން، ޢާންމުން ދިރިއުޅޭ ރަށްތަކާއި އަވަށްތަކަށް އަސްކަރިއްޔާއިން މެދުކެނޑުމެއް ނެތި ވައިގެ ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ފަދަ ހާލަތެއްގައި އެހެން ޤައުމެއްގެ އަސްކަރިއްޔާގެ މައިގަނޑު އަމާޒަކަށް ވަނީ އިންސާނީ އެހީތެރި ކަން ފޯރުކޮށްދިނުން ކަމުގައިވީ ނަމަވެސް، މިޔަންމާގެ އަސްކަރިއްޔާއިން މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ ޢާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް، ފުޅާ ކުރުމަށް ކަމުގައި ކޭއެންޔޫން ތުހުމަތު ކުރިއެވެ. މި ތުހުމަތުތަކަށް މިޔަންމާގެ އަސްކަރީ ސަރުކާރުން އަދި ރައްދެއް ނުދެއެވެ.
މިޔަންމާގައި މިހާރު ކުރަމުންދާ އަހުލީހަނގުރާމަ ފެށިގެން ދިޔައީ، ބަޣާވާތަކުން އިންތިޚާބީ ސަރުކާރު ވައްޓައިލައި، އެ ޤައުމުގެ އަސްކަރިއްޔާއިން ވެރިކަން ފޭރިގަތުމާ ގުޅިގެންނެވެ. ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ އަންގ ސަން ސޫ ޗީގެ ސަރުކާރު ވައްޓައިލާފައި ވަނީ 2021ވަނަ އަހަރުއެވެ. ސޫ ޗީގެ ވެރިކަން ވައްޓައިލުމަށް ފަހު މިޔަންމާގައި އަސްކަރީ ވެރިކަމެއް ޤާއިމު ކުރުމާ ގުޅިގެން، ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ އަސްކަރިއްޔާއާ ދެކޮޅަށް ތެދުވެ، ހަނގުރާމަ އިޢުލާނު ކޮށްފައެވެ.
މިޔަންމާގެ ރައްޔިތުންނަށް އިންސާނީ އެހީތެރި ކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ، ފްރީ ބަރްމާ ރޭންޖަރސުން ބުނީ، ހުކުރު ދުވަހު އައި ބިންހެލުމަށް ފަހު ވެސް މިޔަންމާގެ އަސްކަރީ މަތިންދާބޯޓުތަކުން އެ ޤައުމުގެ ކަޔީން ސްޓޭޓްގައި ޢާންމުން ދިރިއުޅޭ ރަށްތަކާއި އަވަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އަދި، އެ ޙަމަލާތަކުގައި ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.
ސިންގަރޫޕުން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިޔަންމާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ އިއްތިޙާދު (އާސިޔާން)ގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވިވިއަން ބާލްކްރިޝްނަން ވަނީ މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް މެދުކަނޑައިލުމަށް ގޮވައިލައްވާފައެވެ. އަދި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު ދިނުމަށް އެދިވަޑައިގަންނަވާފައެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅު މައި އިއްތިޙާދު، ނޭޝަނަލް ޔުނިޓީ ގަވަރމަންޓުން ބުނީ، ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީީހުންނަށް އެހީތެރި ކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން އަސްކަރީ ސަރުކާރާ ދެކޮޅަށް ހިންގަމުންދާ ހަރަކާތްތައް ވަގުތީ ގޮތުން މެދުކަނޑައިލުމަށް ނިންމާފައިވާ ކަމުގައެވެ. މި ގޮތުން، އެ ފަދަ ހަރަކާތްތައް ދެ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލާފައި ވާނެ ކަމުގައި އެ އިއްތިޙާދުން ހާމަކުރިއެވެ. އެ އިއްތިޙާދާ ގުޅުން އޮތް ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އަސްކަރީ ހަރަކާތްތައް މެދުކަނޑައިލާފައިވާ ކަން މިޔަންމާގެ މަސްރަޙު ދިރާސަ ކުރާ ފަރާތްތަކުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.