ޚަބަރު

ލަންކާގައި ބޮޑު ޖަމާޢަތުގައި ދިވެހިން ޢީދު ނަމާދު ކޮށްފި


  • ޢީދު ނަމާދުކުރީ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ، ސޯސަން ވިލާގައި

  • ކުޑަކުދިންގެ ހަވީރެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހި

އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދު ކޮށްފިއެވެ.

ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރީ މޯލްޑިވްސް ކަލްޗަރަލް ސެންޓަރ، ސޯސަން ވިލާގައެވެ.

ޢީދު ނަމާދަށްފަހު މޯލްޑިވްސް ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކޮށްގެން ޢީދު ސައެއްވެސް ވަނީ ބާއްވާފައެވެ. މި ސައިގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.

މީގެއިތުރުން ޢީދު ދުވަހާ ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ އާއިލާތަކުގެ ކުޑަކުދިންނަށް އަމާޒު ކޮށްގެން ބާއްވާ ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަން ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރެއްގެ ވެސް ފިތުރު ޢީދާއި އަޟުހާ ޢީދާ ދިމާކޮށް ލަންކާގައި ދިރިއުޅޭ ދިވެހިން ގުޅިގެން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅިގެންނެވެ.

ރާއްޖެއާ އަވައްޓެރި ގައުމުތަކަށް ފިޠުރު ޢީދު ދުވަހަކީ މިއަދެވެ. ނަމަވެސް ރާއްޖެއަށް ފިޠުރު ޢީދު ދުވަހުގެ ފުރަތަމަ ދުވަހަކީ އިއްޔެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުވަނީ ކޮށްފައެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވާފައިވާއިރު، "ޢީދު އުފާ 1446" ނަމުގައި ކުލަގަދަ ހަރާކާތްތަކެއްވެސް ޢީދު ދުވަހު ހަވީރުވަނީ މާލޭގައި ބާއްވާފައެވެ. މިހަރަކާތަށް އާންމުންގެ ވަރަށްބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. އަދި ގިނަ ބައެއްގެ އެދުމުގެ މަތިން ޢީދު ހަވީރު މިއަދާ މާދަމާ މާލޭގައި ބާއްވާގޮތަށް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ. މިހަވީރުވެސް އޮންނާނީ ސަލްޓަންޕާކް ސަރަހައްދާއި ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައެވެ.