ޚަބަރު

ބޮޑު ތަރުހީބެއް ލިބުނު "ޢީދު ހަވީރު 1446" ކާމިޔާބުކަމާއެކު ނިންމާލައިފި


  • މި ހަވީރު ކުރިއަށްގެންގޮސްފައިވަނީ 3 ދުވަހަށް

  • އެތައް ހާސް ބަޔަކު ޢީދު ހަވީރަށް ޒިޔާރަތްކުރި

ފިޠުރު ޢީދާއި ގުޅުވައިގެން ބޭއްވި "ޢީދު ހަވީރު"އަށް ލިބުނު ބޮޑު ތަރުހީބާއެކު ނިންމާލައިފިއެވެ. ޢީދު ހަވީރަށް ވަނީ އެތައް ހާސް ބަޔަކު ޒިޔާރަތްކޮށްފައެވެ.

ފިޠުރު ޢީދު ދުވަސް ހިމެނޭހެން ތިން ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނާއި، ޝަހީދުންގެ ބިނާ ސަރަޙައްދުގެ އިތުރުން ސަލްޓަން ޕާކުގައި ކުރިއަށްގެންދިޔަ ޢީދު ހަވީރު ހަރަކާތައް އާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި މާލޭގައި ފިޠުރު ޢީދެއް މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެވެ. އެތަށް ހާސް ބަޔަކު އެއްތަނަކަށް ޖަމާވެ، އުފާފާޅުކޮށްލަން ލިބުނު އެންމެ އުފާވެރި އެއް ފުރުސަތެވެ.

ޢީދު ހަވީރަކީ ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެން އިންތިޒާމްކުރި މިހަރަކާތުގައި ރާއްޖޭގެ ކުރީގެ ސަޤާފަތް ދައްކާލުމާއި، ކުރީ ޒަމާނުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. އަދި ކުޑަކުދިންނާ ގުޅޭ ޒަމާނީ ކެރެކްޓަރތައްވެސްވަނީ ދައްކާލާފައެވެ.

އަދި ޤައުމީ ދިފާޢީ ބާރާއި ފުލުހުންގެ ޚިދުމަތުގައި ގެންގުޅޭ އުޅަނދުތަކާއި އާލާތްތައް ދައްކާލުމާއެކު ތަޖުރިބާކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދިނެވެ.

ފިޠުރު ޢީދު ދުވަހުގެ ޢީދު ހަވީރުގައި ރައީސުލްޖޫމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ މުޙައްމަދު މުއިއްޒުގެ ޢާއިލާ ބައިވެރިވެ ވަޑައިގެންނެވިއެވެ.