ޚަބަރު

ތިންވަނަ ދައުރެއް ހޯދަން ބޭނުން ވަނީ އޮބާމާއާ ވާދަ ކޮށްގެން: ޓްރަމްޕް


ވެރިކަމުގެ ތިންވަނަ ދައުރެއް ކާމިޔާބު ކުރައްވަން ބޭނުންފުޅު ވަނީ 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޤައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާއާ ވާދަ ކުރައްވައިގެން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން އެ ޤައުމުގެ ރައީސްކަމުގެ މަޤާމު ފުރުއްވާ ބޭފުޅަކަށް ގިނަވެގެން ވެރިކަން ކުރެވޭނީ ދެ ދައުރަށެވެ. އެހެންކަމުން، ތިންވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެއީ އެ ޤައުމުގެ ޤާނޫނު އަސާސީއާ ޚިލާފު ކަމެކެވެ. މީގެ ކުރިން 2017ވަނަ އަހަރުން ފެށިގެން 2021ވަނަ އަހަރަށް ވެރިކަމުގެ އެއް ދައުރު ޓްރަމްޕް ފުރިހަމަ ކުރައްވާފައިވާއިރު މި އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު ވަނީ ދެވަނަ ދައުރަކަށް ހުވައި ކުރައްވައިފައެވެ. އޭގެ އިތުރުން 2009ވަނަ އަހަރުން 2017ވަނަ އަހަރާ ހަމައަށް ވެރިކަން ކުރައްވައި އޮބާމާ ވެސް ވަނީ ވެރިކަމުގެ ދެ ދައުުރު ފުރިހަމަ ކުރައްވައިފައެވެ.

2028ވަނަ އަހަރުގެ އިންތިޚާބުގައި އޮބާމާއާ ދެކޮޅަށް ވާދަ ކުރެއްވުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެއީ އޭނާ ވަރަށް އެދިލައްވާ ކަމެއް ކަމަށެވެ. ތިންވަނަ ދަައުރަކަށް ވާދަ ކުރެވިދާނެ ގޮތްތަކެއް ހުރި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އަދި އެ ކަން އަދި ދިރާސާ ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހިނގަމުންދާ ދައުރުގައި އަދި ހަތަރު އަހަރު ކުރިއަށް އޮތް ކަމަށާއި މި ވެރިކަމުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް މި ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މި ވަނީ ވެރިކަމުގެ ތިންވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެއީ ސަމާސާ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ. އެހެންކަމުން އޭނާގެ ވެރިކަމުގެ ދައުރު 2029ވަނަ އަހަރުގެ ޖަނަވަރީ މަހު ހަމަވުމުގެ ކުރިން، އިތުރު ދައުރަކު ވެރިކަން ކުރުަމަށް ހުރަސްއަޅާ ޤާނޫނު އަސާސީގެ މާއްދާތަަކަށް ބަދަލުގެންނެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެއެވެ. އެ ދުވަހު އެންބީސީއަށް ދެއްވި ބަސްތީގަތުމެއްގައި ވެސް ޓްރަމްޕް ވިދާޅުވީ އެ ކަން ހާޞިލް ކުރެވިދާނެ ގޮތްތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެ ކަމާމެދު ވިސްނަން އަދި މާ އަވަސް ކަމަށެވެ.

އެމެރިކާގެ ރައީސްގެ މަޤާމަށް ފްރެންކްލިން ޑީ ރޫޒްވެލްޓް ޖެހިޖެހިހެން ހަތަރުވަނަ ފަހަރަށް ހޮވިވަޑައިގަތުމުން، 1951ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގެ ޤާނޫނުއަސާސީއަށް ވަނީ ބަދަލުގެނެސްފައެވެ. އެ އިސްލާހުގައި ވާ ގޮތުގައި ދެ ފަހަރަށް ވުރެ ގިނައިން ރައީސްގެ މަޤާމާ އެއްވެސް މީހަކު އިންތިޚާބު ނުކުރެވޭނެއެވެ. އެއީ ޖެހިޖެހިގެން ވިޔަސް އަދި ދައުރުތަކެއް ދޫކޮށްފައި ނަމަވެސް އެވެ. ޓްރަމްޕްގެ ވާގިވެރިންގެ ވިސްނުން ހުރީ ތިންވަނަ ދައުރަކަށް ރައީސްގެ މަޤާމަށް އޭނާ އިންތިޚާބު ކުރުމުގެ ބަދަލުގައި އޭނާއަށް ވެރިކަން ވާރުތަވާނެ ފަދަ ގޮތެއް ހަމަޖެއްސުމަށެވެ.

ތިންވަނަ ދައުރު ހޯއްދަވާނީ ނައިބު ރައީސް ޖޭޑީ ވޭންސް ރައީސްކަމަށް ކުރިމަތިލައްވައި ކާމިޔާބު ކުރެއްވުމަށް ފަހު އެ މަޤާމު ޓްރަމްޕާ ޙަވާލު ކޮށްގެންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އެއީ ވެސް ހެދިދާނެ ގޮތެއް ކަމަށެވެ. ނަމަވެސް އިތުރު ގޮތްތައް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޤާނޫނުއަސާސީއަށް 1951ވަނަ ގެނެސްފައިވާ އިސްލާހު އުވާލައި އެކަކަށް ދެ ދައުރަށްވުރެ އިތުރަށް ވެރިކަން ކުރެވޭނެ ގޮތް ހެދުމަކީ ފަސޭހަ ކަމަކަަށް ނުވާނެއެވެ. އެއީ އެ ކަން ހާޞިލް ކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގެ ތިންބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތު ނުވަތަ ސުޕަމެޖޯރިޓީ ބޭނުންވާތީއެވެ. އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެ ކަން ތަސްދީޤު ކުރެވޭނީ އެމެރިކާގެ 50 ސްޓޭޓުގެ ތެރެއިން 38 ސްޓޭޓުގެ ރުހުމާއެކުގައެވެ.