ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމުތަކުންނާއި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާ ގައުމުތަކުން، އެންމެ އިސްކަމެއްދީގެން ކުރާ އެއް މަސައްކަތަކީ އެ ގައުމެއްގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް، ފަތުރުވެރިންގެ މެދުގައި މަގްބޫލުކަން އިތުރުކުރުމަށް ހިންގާ ޕްރޮމޯޝަނަލް ހަރަކާތްތަކެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު ކޮންމެ ގައުމަކުންވެސް މިހާރު ބަލަނީ އެ ގައުމެއްގެ ރީތިކަން ވީހާވެސް ގިނަ ބަޔަކަށް ދައްކާލެވޭނެ ގޮތަކަށް އެ މަންޒިލެއް އިޝްތިހާރުކުރުމަށެވެ. އެގޮތުން ކުޅިވަރުގެ ތެރެއިން ޓޫރިޒަމް ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމަކީ އެންމެ ނަތީޖާ ރަނގަޅު އެއް ސްޓްރެޓެޖީކަމަށް ތަޖުރިބާކާރުން ބުނާއިރު، ކުޅިވަރުގެ ތެރެއިން ފަތުރުވެރިކަމުގެ މަންޒިލްތައްް ޕްރޮމޯޓްކުރުމަށް އެކި ގައުމުތަކުން ދަނީ ތަފާތު މަސައްކަތްތައްކުރަމުންނެވެ. އޭގެތެރެއިން އެއް މަސައްކަތަކީ މަޝްހޫރު ކްލަބްތަކާއި ގުޅިގެން އެކި މަންޒިލްތައް އިޝްތިހާރުކުރުމަށް ހިންގާ ހަރަކާތްތަކެވެ.
ތަޖުރިބާކާރުން ބުނާގޮތުން މަޝްހޫރު ކްލަބްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ސަޕޯޓަރުންގެ ފޭން ބޭސްއެއް އޮންނަ ކްލަބްތަކަކަަށްވާއިރު، ކްލަބްތަކާއި ގުޅިގެން ފަތުރުވެރިކަމުގެ މަންޒިލްތައް އިޝްތިހާރުކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެ ގައުމެއްގެ ފަތުރުވެރިކަމުގެ މެސެޖު ފޯރުކޮށްދީ، އިޝްތިހާރުކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
ފަތުރުވެރިކަމުގެ މަންޒިލްތަކުން ކްލަބްތަކާއެކު ގާއިމްކުރާ ޕާޓްނަރޝިޕްތަކުގެ ސަބަބުން، އެ ކްލަބެއްގެ ހަރަކާތްތައް އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮލޯކުރާ އެތައް މިލިޔަން ބައެއްގެ މެދު އެ މަންޒިލެއް އިޝްތިހާރުކުރުމަށް މަގުފަހިވެއެވެ. އަދި އެތައް ހާސް ބަޔަކު ވަންނަ ސްޓޭޑިއަމްތަކުގައާއި ކުޅުންތެރިން ދަތުރުކުރާ ބަހުގައިވެސް އިޝްތިހާރުގެ މެސެޖްތައް ފެންނަ ގޮތަށް ބެހެއްޓުމުގެ ފުރުޞަތުވެސް ލިބޭނެއެވެ. މިކަންކަމުގެ އިތުރުންވެސް ކްލަބްތަކާްއެކު ޤާއިމްކުރާ ޕާޓްނަރޝިޕްތަކުގެ ސަބަބުން އެ މަންޒިލެއް އިޝްތިހާރުކުރުމަށް ޕްރޮމޯޝަނަލް އެހެނިހެން ހަރަކާތްތައް ހިންގުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މިފަދަ ބައެއް މިސާލުތަކަށް ބަލާއިރު، އެފްރިކާގެ ގައުމެއްކަމަށްވާ ރުވާންޑާއިން މަޝްހޫރު ފުޓްބޯޅަ ކްލަބް، އާސެނަލްއާއެކު ގާއިމުކުރި ޕާޓްނަރޝިޕާއި، އަބޫދާބީއާއި މެންޗެސްޓަރ ސިޓީގެ ޕާޓްނަރޝިޕާއި، މޯލްޓާއާއި މެންޗެސްޓަރ ޔުނައިޓެޑްގެ ޕާޓްނަރޝިޕްގެ އިތުރުން، އެމެރިކާގެ ފްލޮރިޑާގެ އެކިއެކި ޓޫރިޒަމް ބޯޑުތަކުން އިނގިރޭސި އެހެން ބައެއް ކްލަބްތަކާއެކު ގާއިމްކޮށްފައިވާ ޕާޓްނަރޝިޕްތައް ހިމެނެއެވެ. މީގެ ކޮންމެ ޕާޓްނަރޝިޕަކީވެސް އެގައުމެއް ނުވަތަ މަންޒިލެއްގެ މަގްބޫލުކަން އިތުރުކުރުމަށް ގާއިމްކުރި ޕާޓްނަރޝިޕްތަކަށްވާއިރު، އެކަމުގެ ނަތީޖާވެސް ރަނގަޅުކަން ޕާޓްނަރޝިޕްތައް ގާއިމްކޮށްފައިވާ ގައުމުތަކުން ދަނީ ފާހަގަކުރަމުންނެވެ.
ކުޅިވަރުގެ ތެރެއިން ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ގާއިމްކުރި ޕާޓްނަރޝިޕްތަކުގެ ތެރެއިން ބައިނަލްއަގުވާމީ މީޑިއާތަކުގެ ފަލަ ސުރުޚީން މިހާރު އެންމެ ފާހަގަކޮށްލެވެނީ އެތައް މިލިއަން ބަޔަކު ސަޕޯޓްކުރާ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ކުރިއަރުވަން ގާއިމްކުރި ޕާޓްނަރޝިޕެވެ. ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖައްސައި އެމް.އެމް.ޕީ.އާރު.ސީ/ވިޒިޓް މޯލްޑިވްސް އިން އެކަން ހާމަ ކުރެއްވީ، މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، 3 އަހަރާ 6 މަސްދުވަހަށް ކުރިއަށް ގެންދަވާ، ބައިނަލްއަޤުވާމީ ކެމްޕޭނެއްގެ ފެށުމެވެ.
ލިވަޕޫލާއެކު ރާއްޖެއިން ގާއިމްކުރި ޕާޓްނަރޝިޕްގެ ދަށުން، މާރިޗު 27 ވަނަ ދުވަހު، އިނގިރޭސިވިލާތުގައި އައުޓްޑޯ ކެމްޕެއިނެއް މިހާރު ވަނީ ފަށާފައެވެ. ތިން މަސް ދުވަހުގެ މުއްދަތަށް މި ހަރަކާތް ކުރިއަށްދާއިރު، އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރެވޭނެއެވެ.. މި ކެމްޕެއިނަށް ޚާއްޞަކޮށް ބްރޭންޑްކުރެވިފައިވާ 100 އަށްވުރެ ގިނަ ޓެކްސީގެ އިތުރުން ބަސްތަކާއި، ލަންޑަން އަންޑަގްރައުންޑާއި ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވޭނެއެވެ. އަދި އެ ކްލަބްގެ ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތަކުގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ. އެހެންކަމުން އެ ކްލަބުގެ ސޯޝަލް މީޑިޔާ އެކައުންޓްތަކަކީ ކިހާ އަދަދެއްގެ ބަޔަކު ފްލޯކުރާ އެކައުންޓްތަކެއްތޯ ބަލާލުންވެސް މުހިއްމެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އިނގިރޭސި ކްލަބުތަކުގެ ތެރެއިން މިދިޔަ އަހަރު ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ބަލާފައިވަނީ ލިވަޕޫލްގެ މެޗުތަކެވެ. އެގޮތުން އެ ޓީމު ކުޅުނު 38 ލީގު މެޗު، 471 މިލިއަން މީހުން ވަނީ ބަލާފައެވެ. ސޯޝަލް މީޑިޔާ އެކައުންޓްތަކަށް ބަލާއިރު، ލިވަޕޫލްގެ ޔޫޓިއުބް އެކައުންޓަށް 11 މިލިއަން މީހުން ވަނީ ސަބްސްކްރައިބްކޮށްފައެވެ. އަދި ބައެއް ވީޑިއޯތަކުގެ ވިއުޒް 100 މިލިއަނަށްވުރެ މައްޗަށް އަރައެވެ. ކްލަބުގެ އެކްސް އެކައުންޓް 24 މިލިއަން މީހުން ފޮލޯކުރާއިރު ޓިކްޓޮކް އެކައުންޓް 23.8 މިލިއަން ފޮލޯކުރެއެވެ. ކްލަބްގެ އިންސްޓަގްރާމް އެކައުންޓް ފްލޯކުރާ މީހުންގެ އަދަދު 46.6 މިލިއަނަށް އަރާއިރު ފޭސްބުކް އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު 55 މިލިއަނަށް އަރައެވެ. އަދި ޖުމްލަކޮށް އެ ކްލަބުގެ ސޯޝަލް މީޑިޔާ އެންގޭޖްމަންޓް 1 ބިލިއަނަށް އަރައެވެ.
ސޯޝަލް މީޑިޔާގައި ބިލިއަނުން އެންގޭޖްމަންޓް އޮންނަ އިނގިރޭސި ކްލަބާއެކު ރާއްޖެއިން ޕާޓްނަރޝިޕެއް ގާއިމްކުރުމުން އިތުރުވާނީ ހަމައެކަނި އިނގިރޭސިވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު ނޫންކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. ތަޖުރިބާކާރުން ބުނާގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބަކާއެކު ގާއިމްކުރާ ޕާޓްނަރޝިޕްތަކުގެ ސަބަބުން ޔޫރަޕްގެ ހުރިހާ ކަންކޮޅަކުންވެސް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަަށް މަގުފަހިވެގެންދާނެޢެވެ. އަދި ލިވަޕޫލަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް އެ ކްލަބްގެ ސަޕޯޓަރުން އުޅޭ ކްލަބަކަށްވުމުން، އެ ސަރަހައްދުތަކުގައިވެސް ރާއްޖެ އިޝްތިހާރުވެ، އާ މަކެޓްތަކުން ފަތުރުވެރިން އައުމަށް މަގުފަހިވެގެންދާނެކަމަށް ތަޖުރިބާކާރުން ބުނެއެެވެ.
މީގެކުރިންވެސް ރާއްޖެއިން ވަނީ ސްޕެއިންގެ ކްލަބެއްކަމަށްވާ ސެލްޓަ ވީގޯއާއެކު މިފަދަ ޕާޓްނަރޝިޕެއް ގާއިމްކޮށްފައެވެ. ނަމަވެސް އޭރު ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށް އަމާޒުވީ އާއްމުންގެ މެދުގައި މާބޮޑު މަގުބޫލުކަމެއް ނެތް ކްލަބަކާއެކު ޕާޓްނަޝިޕް ޤާއިމްކުރުމުންނެވެ. އެފްރިކާގެ ޤައުމެއްކަމަށްވާ ރުވާންޑާއިން އާސެނަލްއާއެކު ޕާޓްނަރޝިޕް ހެދިއިރު، ރާއްޖެފަދަ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ބްރޭންޑުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވަރުގަދަ ކްލަބަކާއެކު ޕާޓްނަރޝިޕެއް ނުހެދެންވީ ކީއްވެތޯ ބުނެ ގިނަ ބަޔަކު ދިޔައީ ސުވާލު ކުރިމަތިކުރުވަމުންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވަނީ އެ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެންނަވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ސަރުކާރުން ޕާޓްނަރޝިޕް ޤާއިމްކުރި ލިވަޕޫލަކީ ސެލްޓަ ވީގޯއާ އަޅާކިޔާއިރު ހުރިހާ ގޮތަކުންވެސް އެތައް ގުނައެއް ކުރީގައި އުޅޭ ވަރުގަދަ ކްލަބެކެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް ކުރާނެ ފައިދާވެސް އެތައް ގުނައަކުން އިތުރުވާނެކަން ތަޖުރިބާކާރުން ދަނީ ފާހަގަކުރަމުންނެވެ.
ސަރުކާރުން ޤަބޫލުކުރައްވާ ގޮތުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކްލަބުކަމަށްވާ ލިވަޕޫލްއާ ގުޅިގެން ހިނގާ ހަރަކާތްތަކާއެކު ކޮންމެ އަހަރަކު ސަތޭކަ ހާސް ފަތުރުވެރިން އިތުރުކުރެވޭނެއެވެ. އަދި ރާއްޖޭއިންް އަމާޒު ހިފާފައިވާ 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމަށްވެސް މި ޕާޓްނަރޝިޕްގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންވެސް ގަބޫލުކުރައްވައެވެ. މީގެއިތުރުން ލިވަޕޫލް ފަދަ ވަރުގަދަ، މަޝްހޫރު، އަދި ގިނަ ބައެއްގެ ތާއީދާއި އިހްތިރާމް ލިބިފައިވާ ކްލަބާއެކު ރާއްޖެއިން މަސައްކަތްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ފުޅާވެ، މުޅިން އެހެން ހަރުފަަތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ގެންގޮސްދިނުމަށް ހުޅުވޭނެ ދޮރެއްކަމަށްވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.