އިންކަމް ޓެކްސް ބަޔާން ހުށައަޅަންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 6 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީރާއިން ވިދާޅުވީ، މިއީ 2024 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.
އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ އާމްދަނީގެ ތެރޭގައި ވިޔަފާރި އާމްދަނީ، އުޖޫރަ އަދި އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ބާވަތްތަކުގެ އާމްދަނީ ހިމެނެއެވެ. 2024 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތްތަކުން، 2024 ވަނަ އަހަރަށް އެ ފަރާތުން ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންފުޅުވާ ފަރާތްތަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ބައިވެރިވުމަށް މީރާގެ ހޮޓްލައިން، އީމެއިލް ނުވަތަ ވައިބަރ ނަންބަރަށް މެސެޖްކުރެވޭނެއެވެ. 2024 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2025 އެވެ.