18 ރަށެއްގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސްއާއެކު 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
މިއީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަރޖީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. 18 ރަށެއްގައި މި ސިސްޓަމްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު 500 ކިލޯވޮޓް އަވަރ އިން ފެށިގެން 3000 ކިލޯވޮޓް އަވަރގެ ބެޓެރީ ސިސްޓަމްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ޝިޖިއާޒުއާންގް ކެލިން އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ގައުޑިއަން ނަންޖިން އޮޓޮމޭޝަން ކޯ، ލިމިޓެޑް އަދި ސިނޯ ސޯއާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ، ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ކެލިން އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ވަންގް ޔޮންގެވެ.
1- ހދ. ހަނިމާދޫ: 2000 ކިލޯވޮޓް އަވަރ
2- ށ. މިލަންދޫ: 2500 ކިލޯވޮޓް އަވަރ
3- ނ. ހޮޅުދޫ: 1500 ކިލޯވޮޓް އަވަރ
4- ނ. މަނަދޫ: 3000 ކިލޯވޮޓް އަވަރ
5- ނ. ވެލިދޫ: 3000 ކިލޯވޮޓް އަވަރ
6- ރ. އަލިފުށި: 2000 ކިލޯވޮޓް އަވަރ
7- ރ. ހުޅުދުއްފާރު: 1500 ކިލޯވޮޓް އަވަރ
8- ބ. ދަރަވަންދޫ: 2500 ކިލޯވޮޓް އަވަރ
9- ބ. ތުޅާދޫ: 3000 ކިލޯވޮޓް އަވަރ
10- މ. މުލައް: 2000 ކިލޯވޮޓް އަވަރ
11- މ. މުލީ: 2000 ކިލޯވޮޓް އަވަރ
12- މ. ވޭވައް: 500 ކިލޯވޮޓް އަވަރ
13- މ. ރަތްމަންދޫ: 500 ކިލޯވޮޓް އަވަރ
14- ތ. ގުރައިދޫ: 2500 ކިލޯވޮޓް އަވަރ
15- ރ. ތިމަރަފުށި: 3000 ކިލޯވޮޓް އަވަރ
16- ގއ. މާމެންދޫ: 1000 ކިލޯވޮޓް އަވަރ
17- ގދ. ފަރެސްމާތޮޑާ: 3000 ކިލޯވޮޓް އަވަރ
18- ގދ. ގައްދޫ: 2500 ކިލޯވޮޓް އަވަރ
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމެވެ.
ތިމާވެއްޓާ ބެހޭ ވުޒަރާއިން ވިދާޅުވީ އެ ރަށްރަށުގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށްދިނުމާ އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވެގެން ދާނެކަމަށެވެ. އަދި މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތްކުރެވޭނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.