ޚަބަރު

އައްޑޫ ލިންކު ރޯޑު ތަރައްޤީކުރުމުގެ މަސައްކަތް 2028ވަނަ އަހަރުގެ ތެރޭގައި ނިމޭނެ: ވަޒީރު ޑރ. މުއްޠަލިބު


  • އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއާ ވަނީ ޙަވާލުކޮށްފައި

  • ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސައްކަތްކުރެވޭނެ

  • 67.58 ކިލޯމީޓަރުގެ ސީ.ޓީ.ބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅޭނެ

އައްޑޫގެ ލިންކު ރޯޑު ތަރައްޤީކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ ތެރޭގައި ނިމޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައްޑޫގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، އައްޑޫ ލިންކު ރޯޑުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި މި މަސައްކަތާއެކު އައްޑޫ ފޭދޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެ މަގުތަކުގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އާރުޑީސީން ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ލިންކް ރޯޑުގެ މަސައްކަތުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި 67.58 ކިލޯމީޓަރުގެ ސީ.ޓީ.ބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ އަމާޒަކީ ލިންކު ރޯޑުގެ މަސައްކަތް 2028 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމާލުން ކަމަށެވެ.

"ލިންކް ރޯޑްގެ މަސައްކަތުގެ ތެރޭގައި ހިމެނޭނެ ލިންކް ރޯޑު ފުޅާކުރުމަށްޓަކައި އަލަށް ވެލި އަޅައިގެން މީގެ ކުރިންވެސް ކަނޑައަޅާފައިވާ ސަރަހައްދުވެސް. މުޅިން އަލަށް 5.5 ކިލޯމީޓަރުގެ މަގު ހެދުން އޮންނާނެ." ވަޒީރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ލިންކް ރޯޑުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވަނީ ފޭދޫގައި ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވުމާއެކު މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ލިބޭނެކަން ފާހަގަކުރައްވާފައެވެ. އަދި މިއާއެކު ފޭދޫ ރައްޔިތުންގެ ޒަމާންވީ އުންމީދަކަށް ނިމުން އަންނާނެކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރުގެ ވާހަކަފުޅުގައި އައްޑޫ ލިންކު ރޯޑު ތަރައްޤީކުރުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތަށް އައްޑޫ ސިޓީ ކައުންސިލުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން މުހިންމުކަމަށްވެސް ވިދާޅުވިއެވެ.

"ކުރީ ސަރުކާރުން ފޭދޫ ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތްކުރި. ނަމަވެސް މުޅިއަކުން ހައްލެއް ނުލިބުނު." މެންބަރު ވިދާޅުވިއެވެ.

މި މަސައްކަތްތައް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ 3 އަހަރާއި 11 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 829 މިލިޔަން ރުފިޔާއަށެވެ.

މި މަސައްކަތުގެ ދަށުން ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ހަދައި ތަރައްޤީކުރުމާއި ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގައު އަތުރައިގެން މަގު ހެދުމާއި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.