ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ދެމެދު ރާއްޖޭގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ކުލަބުތަކުގެ ޚިޔާލު ހޯދަން ފަށައިފިއެވެ.
އެފްއޭއެމުން މިއަދު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް އަންގާފައިވަނީ ޖޫން މަހު ލަންކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕާއި އެ މަހު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ގައުމީ ޓީމުގެ ސްކޮޑް ނެގުމަށާއި ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓުމަށް ކުލަބުތަކުގެ ކުޅުންތެރިން އެދެމުން އަންނަ ކަމަށެވެ. އަދި ސަރުކާރާއި އެފްއޭއެމް ގުޅިގެން ފީފާ އަދި އޭއެފްސީގެ އުސޫލުތަކާ އެއްގޮތަށް މުބާރާތެއް ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ. މިހެންވެ މި މުބާރާތް ކުޅެން ޝައުގުވެރިވާ ކުލަބުތަކުން ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ސިޓީ ފޮނުވައިދިނުމަށެވެ.
މި މުބާރާތް ކުޅެން ނިންމާފައިވަނީ މި މަހުގެ ފަހު ހަފުތާއިން ފެށިގެން މޭމަހުގެ ނިޔަލަށެވެ. އަދި މުބާރާތުގައި އޭއެފްސީ ކުލަބު ލައިސަންސިން އާއި ރެލިގޭޝަން ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މިއީ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަތުމަށާއި ގައުމަށް ރީތިނަން ހޯދައިދިނުމަށް ކޮށްދެވޭނެ މަސައްކަތަކަށްވާނެ ކަމަށެވެ.
ރާއްޖޭގައި ގައުމީ ފެންވަރުގެ ފުޓްބޯޅަ ނުކުޅޭތާ މިހާރު ދޮޅު އަހަރު ވެއްޖެއެވެ. އެންމެ ފަހުން ރަސްމީ މުބާރާތެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުން އެފްއޭއެމުގެ އިންތިހާބުގެ މައްސަލާގައި ސީޒަން ނުފެށި ލަސްވެފައިވާއިރު މި އަހަރުގެ ސީޒަން ފަށަން ތިން ފަހަރު ތާރީހު ދީފައިވެއެވެ. އެންމެ ފަހުން މިމަހުގެ 10ގައި ފަށަން ރާވާފައި އޮތް ސީޒަން ލަސްވީ ފީފާ އާއި އޭއެފްސީން ސީޒަން ފަސްކޮށް، އަންނަ އޮގަސްޓް މަހު ސީޒަން ފަށަން ލަފާދިނުމުންނެވެ. މިއާއެކު ގިނަ ކުލަބުތަކުން ވަނީ ޕްރެކްޓިސް ހުއްޓާލައިފައެވެ.
އައު ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ސަރުކާރުން ވަނީ ކުލަބުތަކަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ.