ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ސްޕޭނުގެ ބާސެލޯނާ އާއި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް ކުޅޭ މެޗު އެންމެ ބޮޑަށް ހާއްސަވާ ކުޅުންތެރިއަކީ ބާސެލޯނާގެ ޕޮލެންޑް ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ.
އުމުރުން މިހާރު 35 އަހަރުގެ ފޯވަޑް އަކީ ޑޯޓްމުންޑްގެ ކުރީގެ ކުޅުންތެރިއެކެވެ. ބާސެލޯނާ އަށް އައުމުގެ ކުރިން ކުޅުނު ބަޔާން މިއުނިކަށް އޭނާ ދިޔައީ ޑޯޓްމުންޑްގައި ކާމިޔާބު ދުވަސްތަކެއް ފުރިހަމަކޮށްފަ އެވެ. އެކަމަކު މިހާތަނަށް އެ ޓީމާ ދެކޮޅަށް ކުޅެ އޭނާ އަށް އޮތީ ވަރަށް ރަނގަޅު ރެކޯޑެކެވެ. 27 މެޗު ކުޅުނު އިރު ވަނީ 27 ގޯލު ޖަހާފަ އެވެ.
"ތިޔަ ފަދަ ހިސާބުތަކަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް. މި މެޗަށް ނުކުންނައިރު. ލެވޮންޑޯސްކީ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. ދެން އޭނާ އަށް ޖަރުމަނުގެ ޓީމުތައް ހާއްސަކޮށް ޑޯޓްމުންޑް އެނގޭނެ. އެއީ އޭނާ އަށް ލިބޭނެ އިތުބާރެއް. އަހަރުމެން އުފާ ކުރަނީ އޭނާ އަހަރުމެންނާއެކު މިވަގުތު ހުރުމުން. އެކަމަކު އަހަރުމެން ބަލަނީ ހިސާބަށް އެކަންޏެއް. މި ސީޒަނުގައި ޓީމު އަންނަނީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގަ އާއި އަވޭ މެޗުތަކުގައި ވެސް ރަނގަޅަށް ކުޅެމުން،" ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުންޏެވެ.
އޭނާ އަދި ބުނީ ޑޯޓްމުންޑްގެ ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވެފައިވީ ނަމަވެސް އެއީ ވަރުގަދަ ޓީމެއް ކަމަށެވެ.
"އެމީހުންނަކީ ވަރަށް މޮޅަށް ކުޅޭ ޓީމެއް. އަހަރެން އުއްމީދު ކުރަނީ ކޯޗު ނިކޯ ވަރުގަދަ ޓީމެއް ދަނޑު މައްޗަށް ނެރޭނެ ކަމަށް. އަހަރުމެންނަށް މެޗު ފަސޭހައެއް ނުކުރެވޭނެ،" ފްލިކް ބުންޏެވެ.
އޭނާ ބުނީ ބާސެލޯނާގައި މިހާތަނަށް އެންމެ ރަނގަޅަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ބްރެޒިލްގެ ރަފީނިއާ އަށް އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗުގައި ނުކުޅުވީ ޗެމްޕިއަންސް ލީގަށް އަމާޒުކޮށްގެން ކަމަށެވެ.
"އޭނާ އަށް އަރާމު ކުރަން އަހަރުމެން ވަގުތުދިނީ. މިހާރު އެ އަންނަނީ އާއްމު އުސޫލުން ރަނގަޅަށް ޕްރެކްޓިސް ކުރަމުން. އޭނާ އަކީ މި މުބާރާތުގައި ވެސް އެންމެ މޮޅަށް ކުޅެމުން އައި އެއް ކުޅުންތެރިޔާ. މުބާރާތުގެ މުހިންމު ހިސާބެއްގައި އޭނާ ފަދަ ކުޅުންތެރިން ގަދަވެ ހެޔޮހާލުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް،" ފްލިކް ބުންޏެވެ.
ޑޯޓްމުންޑާއި ބާސެލޯނާ މިހާތަނަށް ކުޅުނު ގިނަ މެޗުތައް ބުރަވެފައިވަނީ ބާސެލޯނާ ކޮޅަށެވެ.