ޚަބަރު

ވޭމަންޑުއާއި ވެލިދޫގައި މިމަހު ޑައިލިސިސްގެ ޚިދުމަތް ފަށަނީ


  • މިއަހަރު ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފަށާނެ

  • ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަކީ ސިޔާސަތެއް

ޑައިލިސިސްގެ ޚިދުމަތް ތ. ވޭމަންޑޫ އަދި ނ. ވެލިދޫގައި މިމަހު ފެށުމަށް ސިއްޙީ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް އެންމެ އަވަހަށް ފަށާނީ ތ. އަތޮޅުގައިކަމަށެވެ.

ތ. އަތޮޅުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ ވޭމަންދޫގައި ހުންނަ ތ.އަތޮޅު ހޮސްޕިޓަލުގައެވެ. މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ސިއްޙި ޚިދުމަތްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެތޮޅުގައި ފަށާ ޚިދުމަތެކެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސ ޑައިލިސިސްގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން ނ. ވެލިދޫގައިވެސް މިމަހު ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. މިވަގުތު ނ. މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައިވެސް އަންނަނީ ޑައިލިސިސްގެ ޚިދުމަތް ދެމުންނެވެ.

ޑައިލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ އިހަވަންދޫގައެވެ. އެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ.


ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ލިބޭނެގޮތް ހެދުމެވެ. ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އަހަރުގެ ކުރިއަށް އޮތްތަނުގައި އިތުރު 9 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފަށްޓަވާނެކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރުވެސް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، އައު ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކުއެކީގައި ޞިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރުކުރުމަށްޓަކާ މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް މި ސަރުކާރުން ގެންނަމުންދާކަމަށެވެ. އެގޮތުން ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދައަށް ގެންނަންޖެހޭ ބަދަލުތައް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ދާއިރާއިން ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައްވެސް މި ސަރުކާރުން ގެންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.