ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވުމަކީ މައްސަލައެއް ނޫން ކަމަށާއި، އަމިއްލަ ދަނޑުގައި އަންނަ ހަފުތާގައި ކުޅޭ މެޗުގައި އެ ޓީމު މުބާރާތުން ކަޓުވާލެވިދާނެ ކަމަށް އެސްޓަން ވިލާއިން ބުނެފިއެވެ.
މެޗަށް ފަހު ކޯޗު އުނާއީ އެމެރީ ބުނީ ޕީއެސްޖީން ތިން ވަނަ ލަނޑު ޖެހުމުން އެސްޓަންވިލާ އަށް ދެން އުއްމީދު ގެއްލުނީ ކަމަށް ގަބޫލުކުރާ މީހުންގެ ހީ އަކީ ގޯހެއް ކަމަށެވެ.
"ތިން ވަނަ ގޯލަކީ މައްސަލައެއްނޫން. އޭގެ ސަބަބުން ދެން ކުރަންވީ ކަމަކަށް މާބޮޑު ހުރަހެއް ނޭޅޭ. މި މެޗުގައި 2-1ވިޔަސް، 3-1 ވިޔަސް އަހަރުމެން ކުރަންޖެހޭ ކަމަކީ އަމިއްލަ ދަނޑުގައި މޮޅުވުން. އަހަރުމެން ގަބޫލު ކުރަންޖެހެނީ އެފަދައިން. އަހަރުމެންގެ ވިސްނުން ބަހައްޓަންވީ އަމިއްލަ ދަނޑުގައި އެއް ގޯލަށްވުރެ އިތުރަށް ޖަހައިގެން މޮޅުވާންވީކަން. އެއީ ބޮޑު މަސައްތަކަކަށްވާނެ. އެކަމަކު ވިލާ ޕާކުގައި އަމިއްލަ ސަޕޯޓަރުންގެ އެހީތެރިކަމާއެކު ނުވާ ވަރުގެ ކަމެއްނޫން،" އެމެރީ ބުންޏެވެ.
އޭނާ ބުނީ ޕީއެސްޖީ ފަދަ ގަދަފަދަ ޓީމެއްގެ އަތުން ބަލިވުމަކީ މައްސަލައެއްނޫން ކަމަށެވެ. ސަބަބަކީ ވިލާ އަކީ ބިނާކުރަމުން އަންނަ ޓީމަކަށްވެފައި މި މެޗުގައި ވެސް މޮޅަށް ކުޅެފައިވާތީ ކަމަށެވެ.
"އަހަރުމެން ވިލާ ބިނާ ކުރަމުން އަންނަ ގޮތް ރަނގަޅުވީމަ މި ދަނޑުގައި މިއަދު ޕީއެސްޖީއާއެކު ކުޅެން ފުރުސަތު ލިބުނީ. އަހަރުމެން މި މެޗުގައި ވަރަށް ރަނގަޅަށް ކުޅެފި. ކުޅުންތެރިންގެ މަސައްކަތާމެދު އަހަރުމެން ފަހުރުވެރިވަން. އަހަރުމެން ބަލިވިޔަސް މިދަނީ ވަރަށް ވަރުގަދަ ފައިޓެއް ދީފައި،" އެމެރީ ބުންޏެވެ.
މެޗަށް ފަހު އެސްޓަންވިލާގެ ފޯވަޑް ރޮޖާސް ވެސް ބުނީ އަމިއްލަ ދަނޑުގައި މޮޅުވެވޭނެ ކަމަށް ކުޅުންތެރިން ދެކޭ ކަމަށެވެ.
"އަހަރުމެންނަށް އެނގޭ އެއީ ފަސޭހަކަމެއްނޫންކަން. ޕީއެސްޖީ އަކީ މޮޅު ޓީމެއް. ހާއްސަކޮށް އެމީހުންގެ ފޯވަޑް ލައިން ވަރުގަދަ. އަހަރުމެން މި ތަނަށް މިއައީ ހަމައެކަނި ޒިޔާރަތެއްކޮށްލާކަށްނޫން ސަޕޯޓަރުން ދެކިލަން. އަހަރުމެންނާ އެއްކޮޅަކަށްނޫން ދެ ވަނަ މެޗަށް ދާއިރު ނަތީޖާ މިއޮތީ. އެކަމަކު އަހަރުމެން ބޭނުންވަނީ ރަނގަޅު ވާދައެއްކޮށްލަން،" ރޮޖާސް ބުންޏެވެ.
މި ދެ ޓީމު ކުޅޭ ދެ ވަނަ މެޗު އޮންނާނީ އަންނަ ހަފުތާގައި އެސްޓަންވިލާގެ ދަނޑު ކަމަށްވާ އިނގިރޭސިވިލާތުގެ ވިލާ ޕާކުގަ އެވެ.