ކުޅިވަރު

ކްވަރަޝްކޭލިޔާއަށް އެންރީކޭގެ ތައުރީފު އޮއްސާލައިފި


ކްވީޗާ ކްވަރަޝްކޭލިޔާއަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަރަށް ބޮޑަށް ތައުރީފު އޮއްސާލައިފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެސްޓަންވިލާ އަތުން 3-1 އިން މޮޅުވި މެޗަށް ފަހު އެންރީކޭ ބުނީ ކްވަރަޝްކޭލިޔާ އެ ޓީމެއްގައި ހުރުމަކީ ކޮންމެ ކޯޗަކު ވެސް ވަރަށް ބޮޑަށް ލޯބިކުރާނެ ކަމެއް ކަމަށެވެ.

ޖޯޖިއާގެ މިޑްފީލްޑަރު ވަނީ މިދިޔަ ޖެނުއަރީ މަހު ޕީއެސްޖީ އަށް ބަދަލުވުމަށްފަހު މޮޅު ކުޅުމެއް ދައްކަން ފަށައިފަ އެވެ. ރޭގެ މެޗަށް ފަހު އެންރީކޭއަށް އޭނާ އަށް ތައުރީފް ކުރީ މޮޅަށް ކުޅެ، މެޗުގެ ދެވަނަ ގޯލު ޖެހުމުންނެވެ.

"އަހަރުމެން އޭނާ ގަތުމަށް މިދިޔަ ޖޫން ޓްރާންސްފާގައި ވެސް މަސައްކަތް ކުރިން. އެކަމަކު އޭނާ ގެނެވުނީ ޖެނުއަރީ މަހު. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ކޮންމެ ކޯޗަކު ވެސް އޭނާ ޓީމުގައި ހުންނަން ބޭނުންވާ ފަދަ ކުޅުންތެރިއެއް. އަހަރެންނަށް ކޯޗެއްގެ ހައިސިއްޔަތުން އޭނާ މި ޓީމުގައި ހުރުމުން ވަރަށް ބޮޑު އުފަލެއް ލިބޭ، އޭނާ އަކީ މޮޅުވުމުގެ ރޫހު ހުރި ކުޅުންތެރިއެއް. މި މެޗުގައި ވެސް އެ ޖެހީ މޮޅު ގޯލެއް،" އެންރީކޭ ބުންޏެވެ.

ކޯޗު ބުނީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މި މެޗުގެ ނަތީޖާ ދޫކޮށްލާފައި އަންނަ ހަފުތާގައި ކުޅޭ ދެ ވަނަ މެގު ކާމިޔާބު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މިފަދަ ނޮކްއައުޓް މެޗު ތަކަކީ ވަރަށް ވިސްނުންތެރިކަމާއެކު ކުޅެން ޖެހޭ މެޗުތަކެއް. އަހަރުމެން ބަލަން ތިބެގެން ނުވާނެ މި ނަތީޖާގެ ސބަބުން. ދެން ކުރިއަށް އޮތް މެޗު ވެސް ކާމިޔާބުކޮށްގެން މުބާރާތުގެ ސެމީ ފައިނަލަށް ދެވޭނީ. އެކަން ކުޅުންތެރިންނަށް ވެސް އެނގޭ. އަހަރެން ވެސް އެމީހުންނަށް ވިސްނައިދެނީ އެ ގޮތަށް،" އެންރީކޭ ބުންޏެވެ.

މި ދެ ޓީމު ރޭ ކުޅުނީ ފްރާންސްގައި ޕީއެސްޖީގެ ދަނޑުގަ އެވެ. އަންނަ ހަފުތާގައި ކުޅޭނީ އިނގިރޭސިވިލާތުގެ ވިލާ ޕާކުގަ އެވެ.