ބޮރޫޝިޔާ ޑޯޓްމުންޑް އަތުން 4-0 ގެ ނަތީޖާއަކުން ރޭ މޮޅުވި ނަމަވެސް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިއުމަށް ކުޅެން ޖެހޭ ކުއާޓާ ފައިނަލްގެ ފަހު ލެގުގައި މާ ރަނގަޅަށް ކުޅެން ޖެހޭނެ ކަމަށް ފޯވާޑް ރޮބްޓް ލެވަންޑޯސްކީ ބުނެފިއެވެ.
ކުރީގެ ޓީމު ކޮޅަށް ދެ ގޯލު ބާސެލޯނާގެ ފޯވަޑް ބުނީ ރޭ ނިމިގެންދިޔައީ މެޗެއްގެ އެއް ހާފު ކަމަށެވެ.
"އަހަރެންނަށް ހީވަނީ މި މެޗުގައި އަހަރުމެން ވަރަށް ރަނގަޅަށް ކުޅެފިންހެން. އެކަމަކު އަހަރުމެން އަދި ސެމީ ފައިނަލާމެދު ނުވިސްނަން. އަހަރުމެންވީ މި މެޗުގައި ފޯކަސް ކުރި ކަންތައްތަކަށް މިހާރަށްވުރެ ރަނގަޅަށް ދެން ކުރިއަށް އޮތް މެޗުގައި ފޯކަސް ކުރަން. އެ ވަރިހަމަ ކޮންމެ ތަނެއްގައި މެޗު ކުޅުނަސް. އަހަރުމެން ބަލަންވާނީ އަހަރުމެންގެ ގޭމް ވީ އެންމެ ރަނގަޅަށް ކުޅެން،" ލެވަންޑޯސްކީ ބުންޏެވެ.
ޑޯޓްމުންޑް ކޮޅަށް އޭނާ ރޭ ޖެހި ގޯލަކީ އެ ޓީމުން ވަކިވި ފަހުން ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު 28 މެޗުގައި ޖެހި 29 ގޯލެވެ. އަދި މި ސީޒަނުގައި ބާސެލޯނާ އަށް އޭނާ ޖަހައިދިން ގޯލުގެ އަދަދު ވަނީ 40 އަށް އަރައިފަ އެވެ.
"އަހަރުމެން ވިސްނުން ބަހައްޓަންވާނީ އަބަދުވެސް މޮޅުވާން. އެއީ ޑޯޓްމުންޑާ ދެކޮޅަށް ވެސް އަހަރުމެން ކުޅުނު ގޮތް. އެމީހުންގެ ދަނޑަށް ގޮސް އަހަރުމެން މިހާރަށްވުރެ މޮޅަށް ކުޅެން ޖެހޭނެ. 4-0ގެ ލީޑެއް ފުރަތަމަ ހާފުގައި ލިބުމުން ފަހު ހާފުގައި އެއަށްވުރެ ރަނގަޅަށް ކުޅެންޖެހޭނެ. މި މެޗުގެ ފަހު ހާފު އަދި އޮތީ ކުރިއަށް،" ލެވަންޑޯސްކީ ބުންޏެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ އޭނާގެ ޓީމުން ޑޯޓްމުންޑާއެކު އަންނަ ހަފުތާގައި ކުޅޭ މެޗުގައި މިހާރަށްވުރެ ރަނގަޅަށް ކުޅެންޖެހޭނެ ކަމަށެވެ.
"އަހަރެންނަށް ހީވަނީ މި މެޗުގައި އަހަރުމެން ވަރަށް ރަނގަޅަށް ކުޅުނުހެން. އެކަމަކު އަހަރުމެން ޖެހޭ އަބަދުވެސް މޮޅަށް ކުޅެން. ދެން އޮތް މެޗު ދޫކޮށްލެވޭކަށް ނޯންނާނެ މި ހިސާބުން. ބާސެލޯނާގެ އަމާޒަކީ ކޮންމެ މެޗަކުން ވެސް މޮޅުވުން،" ފްލިކް ބުންޏެވެ.
އޭނާ ބުނީ މި ސީޒަނުގައި ހަތަރު ތަށި ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް އެ ވާހަކަ ދައްކަން އަދި ނުޖެހޭ ކަމަށާއި ތައްޓާމެދު ވިސްނަންވާނީ ކޮންމެ މުބާރާތެއްގައި ވެސް އެ ވަރަށް މަސައްކަތްކޮށް ނަތީޖާ ނެރުމަށްފަހުގައި ކަމަށެވެ.