ޚަބަރު

ވީއައިއޭގެ ޓެކްސީވޭ ޗާލީ، އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


  • މި މަސައްކަތާއެކު އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވާނެ

  • އެމަޖެންސީ ހާލަތުގައި ބޭނުންކުރާ ރަންވޭއަކަށް އެތަން ބޭނުންކުރަން ފެށޭނެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓެކްސީވޭ ޗާލީ، އަލުން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއާ ހަވާލުކޮށްގެނެވެ.

ވީއައިއޭގެ ޓެކްސީވޭ ޗާލީ، އަލުން ތަރައްޤީކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވި، 20 އަހަރު ދުވަހުގެ އެއާޕޯޓު ތަރައްޤީގެ މާސްޓަރޕްލޭން މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 24ގައެވެ.

ޓެކްސީވޭ ޗާލީ، އަލުން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުލޭ އައިލެންޑު ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން އެ މަނިކުފާނުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ހިނގަމުންދާކަން ފާޙަގަކުރައްވަމުން ޝަރީފު ވިދާޅުވީ ޓެކްސީވޭ ޗާލީ ތަރައްޤީކޮށް ނިމޭއިރު އެއަރޕޯޓުގެ އޮޕަރޭޝަންސް އިތުރަށް ފުޅާކުރެވި، ފްލައިޓް ޓަރން އެރައުންޑް ޓައިމް ކުޑަކޮށް، ޚިދުމަތް އަވަސްކުރުމަށް މަގުފަހި ވެގެންދާނެކަމަށެވެ.

"މި ރަންވޭގެ ސަބަބުން ކޮމާރޝަލް އެއާރލައިންގެ އެވަރެޖް ޓާންއެރައުންޑް 20 މިނިޓު ކުޑަކުރެވޭނެ. ރަންވޭގެ މަސައްކަތްކުރާއިރު ރަންވޭގެ ބައެއް ބަންދުކުރެވިގެންދާނެ. އެހެންނަމަވެސް އެއާލައިންތަކާއި ވާހަކަދައްކާގެން އޮޕެރޭޝަނަށް ބުރުނާރާނެ ފަދަގޮތަކަށް މަސައްކަތް ކުރިއަށްގެންދާނެ" އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މި މަސައްކަތާއެކު އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ކުއްލި ހާލަތެއްގައި މަތިންދާބޯޓު ޖައްސާނެ ރަންވޭއެއްގެ ގޮތުގައި ވެސް އަލަށް ތަރައްޤީކުރާ ރަންވޭ ބޭނުން ކުރެވޭނެކަމަށެވެ.

މީގެ އިތުރުން ބީ.ޔޫ.ސީ.ޖީއާއި އެކު އެމް.އޭ.ސީ.އެލުން ކުރިޔަށް ގެންދާ ހުރިހާ މަޝްރޫޢަކީވެސް ކާމިޔާބުކަމާއެކު އަވަހަށް ނިންމާލެވޭ މަޝްރޫޢުތަކެއްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ފާހަގަކުރެއްވިއެވެ.

ވެލާނާ އެއާޕޯޓައި ކުރިން ބޭނުންކުރި ރަންވޭ ބޭނުންކުރުން އެއްކޮށް ހުއްޓާލީ 2022ވަނަ އަހަރު އައު ކޯޑް-އެފް ރަންވޭ ބޭނުން ކުރަން ފެށުމުންނެވެ. މިއާއެކު ކުރީގެ ރަންވޭ ބޭނުން ކުރަމުންދިޔައީ ޓެކްސީ ވޭއެއްގެ ގޮތުގައެވެ. މި ރަންވޭގެ ދިގުމިނުގައި 3200 މީޓަރު ހުރެއެވެ.