ޑިފެންޑަރު އިނިގޯ މާޓިނޭޒް ލައްވައި ކުޅުވީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އޮސަސޫނާއިން ހުށަހެޅި މައްސަލައިގައި ބާސެލޯނާއަށް އަދަބު ނުދޭން ސްޕެނިޝް ލީގުން ނިންމައިފިއެވެ.
ލީގުގައި އޮސްސޫނާ އަތުން ބާސެލޯނާ 3-0އިން މިދިޔަ ހަފުތާގައި މޮޅުވި މެޗުގައި އިނިގޯ ލައްވައި ބާސެލޯނާއިން ކުޅުވީ ހާނިއްކައިގެ ސަބަބުން ގައުމީ ޓީމަށް ނުކުޅެ އޭނާ ހުއްޓަ އެވެ. މި މެޗުގެ ކުރިން އޮތް ސްޕޭނުގެ ގައުމީ ޓީމުގެ މެޗުތަކަށް އޭނާ ނެގި ނަމަވެސް އެއްވެސް މެޗެއް ނުކުޅެ އިނިގޯ ގައުމީ ޓީމުން ވަކިވީ ލިބިފައިވާ ހާނިއްކައަކާ ގުޅިގެން ފަރުވާ ހޯދަން ޖެހޭ ކަމަށް ބުނެ އެވެ.
ދެން އޭނާ ފެނުނީ ގައުމީ ޓީމުގެ މެޗުތަކަށް ފަހު ލީގުން އަލުން ފެށި މެޗުގައި ބާސެލޯނާގެ ޖާޒީ ލައިގެން ކުޅެން ނުކުމެ ހުއްޓަ އެވެ.
ފީފާގެ ގަވާއިދުގައި ބުނަނީ ގައުމީ ޓީމަށް ކުޅުންތެރިއަކު އަނިޔާވެގެން ނުކުޅެ ހުރެފިނަމަ އެ ކުޅުންތެރިއަކަށް ކުލަބަށް ކުޅެންވާނީ އެ އަނިޔާ އަށް ފަސް ދުވަސް ފާއިތުވުމަށްފަހު ކަމަށެވެ.
ނަމަވެސް އޮސަސޫނާއާ ދެކޮޅަށް އިނިގޯ ކުޅެން ނުކުރީ އެންމެ ހަތަރު ދުވަހުގެ ތެރޭގަ އެވެ.
ނަމަވެސް އޮސަސޫނާއިން ހުށަހެޅި މައްސަލަ ބެލުމަށްފަހު ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމީ މި ކަމުގައި ބާސެލޯނާ އަށް އަދަބު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ބާސެލޯނާއިން މިކަމުގެ ދިފާއުގައި ދެއްކީ ގާނޫނީ ސަބަބެކެވެ. އެ ކުލަބުން ބުނީ ކުޅުންތެރިއަކު ގައުމީ ޓީމަށް ނަގާފައިވަނިކޮށް، ގައުމީ ޓީމުން ކުޅުންތެރިޔާ ރިލީޒްކޮށްފިނަމަ ފަސް ދުވަހުގެ އުސޫލު ނުހިނގާނެ ކަމަށެވެ. މިކަމާ ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވެސް އެއްބަސްވެ އެވެ.
ނަމަވެސް މި މައްސަލަ އަދިވެސް އޮސަސޫނާ އަށް އިސްތިއުނާފު ކުރެވިދާނެ އެވެ.