ޚަބަރު

ސްވިޑަން، ސީޝެލްސް އަދި އޮސްޓްރޭލިޔާއަށް ކަނޑައަޅާ ސަފީރުންގެ ނަންތައް ދިރާސާކުރަން ކޮމިޓީއަށް


  • ސްވިޑަންގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢާއިޝަތު ޝާން ޝާކިރު

  • ސީޝެލްސްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް މަސްޢޫދު އިމާދު

  • އޮސްޓްރޭލިޔާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޑރ. ސަލްމާ ރަޝީދު

ދިވެހިރާއްޖެއިން ބޭރުގެ 3 ޤައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ. ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަނީ ސްވިޑަން، ސީޝެލްސް އަދި އޮސްޓްރޭލިޔާއަށެވެ.

ނޮން-ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވާފައިވާގޮތުގެ ތަފްސީލު:

• ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު، ސްވިޑަންއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް
• ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު، ސީޝެލްސްއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް
• ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، އޮސްޓްރޭލިޔާއަށް ކަނޑައަޅާ ނޮން-ރެޒިޑަންޓް ސަފީރުކަމަށް

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިގެންނެވެ.

ސަފީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުއްވާފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. ޤައުމުތަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވާނީ ކޮމިޓީން މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަށްފަހުއެވެ.